ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާ ނުލާން އެ ކޮމިޝަނުން ނިންމައިފިއެވެ.

އަޒްމިރަލްދާ ހާޒިރުކޮށް ޖޭއެސްސީ އިން ކުރިއަށް ގެންދާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އޭނާގެ ފަރާތުން ވަނީ އެދިފައެވެ. މީގެ ކުރިން މިއަދު ހެނދުނު 11:00 ގައި ބާއްވަން ހަމަޖެހިފައިވާ އަޑުއެހުން ބާއްވަން ޖޭއެސްސީން މާއްދަމާއަށް ތާވަލުކޮށްފައިވާ އިރު، ޖޭއެސްސީން ވަނީ މި އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ނުބާއްވަން ނިންމާފައެވެ.

ނަމަވެސް މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ފަންޑިޔާރުންގެ މައްސަލައެއް ޖޭއެސްސީން ވަނީ އާންމުންނަށް ހުޅުވާލައިގެން ބާއްވާފައެވެ.

ޖޭއެސްސީން އަޒްމިރަލްދާގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.

މި މައްސަލައިގައި އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރު ވެސް ޖޭއެސްސީއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ ޖޭއެސްސީއިން ވަނީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ސަސްޕެންޑު ކޮށްފައެވެ.