ކުޅި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް އަނެއްކާވެސް މިއޮތީ ތަފާތު ރެސިޕީއެކެވެ. މިއީ ހާއްސަގޮތެއްގައި ރޯދަ މަހު ރޯދާ ވީއްލާ ގަޑީ ތައްޔާރުކޮށްލަން ރަނގަޅު ކޮއްތެކެވެ. ރޮށި ނުވަތަ ޕަރާޓާއާ އެކު ކާލަން ކުކުޅު ކުރަނޑި ވަރެއް ނޯންނާނެއެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓު ކުކުޅު ކުރަނޑި
  • 2 ފިޔާ
  • 1 ޕެކެޓު ޓޮމާޓޯ ޕޭސްޓް
  • 1 ގިތެޔޮ މިރުސް
  • 1 ސަމްސާ މުގުރި މިރުސް
  • 1 ސަމްސާ އަސޭމިރުސް
  • 2 ލޮނުމެދު
  • 2 ސަމްސާ ޓޮމާޓޯ ސޯސް
  • ކާށިކިރު ކޮޅެއް
  • ލޮނު

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ކުރަނޑިކޮޅު އަޅާ 15 ވަރަކަށް މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު ފެންގަނޑު އޮއްސާލުމަށްފަހު ކުރަނޑިކޮޅު ބަހައްޓާށެވެ.

ދެން ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ގިތެޔޮ މިރުސް އަޅައިގެން ފިޔާކޮޅު ވަޅޯ ކޮށްލާށެވެ. އެއަށްފަހު މުގުރިމިރުސް، އަސޭމިރުސް އަދި ޓޮމާޓޯ ޕޭސްޓާއި ޓޮމާޓޯ ސޯސް އަޅާލުމަށްފަހު އިރުކޮޅަކު ކައްކާލާށެވެ. އެއަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. މީގެތެރެއަށް ފެންކޮޅަކާއި ކިރު ކޮޅު އެޅުމަށްފަހު މިނެޓަށް ވަންދެން ބަހައްޓާލާށެވެ.

އެންމެ ފަހު ކަމަކަށް ކުރަނޑިކޮޅު އަޅާލާ 10 ވަރަކަށް މިނެޓު ވަންދެން މަޑުގިނީގައި ކައްކާލާށެވެ. އޭރުން އެހުރީ ކުކުޅު ކުރަނޑި ތައްޔާރުކުރެވިފައެވެ.