ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖެއް މަތިން ފަތިހުގެ ވަގުތެއްގައި ފުންމާލި މީހަކު ސަލާމަތް ކޮށްފިއެވެ.

ފުލުހުން މީޑިއާ އާ ހިއްސާކުރި މެސެޖެއްގައި ބުނީ، ދެ ފިޔަވަހި ގުޅޭ ބްރިޖް މަތިން މީހަކު ފުންމާލިކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:42 ހާއިރު ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖް މަތިން ފުންމާލި މީހާ ސަލާމަތްކުރަން ހަރަކާތްތެރިވީ އެ ވަގުތު އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަމުން ދިޔަ ދެ ފުލުހެކެވެ.

އެ މީހާ ނެގުމަށް ފަހު ބައިގަޑިއިރުތެރޭ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވާލާ ހަތަރު ބްރިޖެއް އޮވެއެވެ. އެއީ ފިތުރޯނު މަގު ބްރިޖާއި ނިރޮޅު މަގު ބްރިޖާއި ހިތިގަސް މަގު ބްރިޖާއި ރީތިގަސް މަގު ބްރިޖެވެ.