ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް އެމްޓީސީސީއިން އެދިއްޖެއެވެ.

ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެކި ފަރާތްތަކުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަމުންދާކަން ފާހަގަކޮށް އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ ދަށުން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ނަމުގައި ސްކޭމެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އާރްޓީއެލް މެދުވެރިކޮށް 3 މަސް ވަންދެން ހިލޭ ދަތުރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބުނާ "ސްމާޓް ކާޑެއް" ވިއްކުމުގެ މަސަކަތް "މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ކުރަމުންދާ ކަމަށް އެމްޓީސީއިން ބުނެއެވެ. އަދި އެ ޕޭޖްގައި ހިންގަމުންދާ އެއްވެސް ހަރަކާތަކީ އެމްޓީސީސީ ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކާއި އެއްވެސް ގުޅުމެއް ނެތް ހަރަކާތްތަކެއް ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެމްޓީސީސީއިން ބުނީ އެމްޓީސީސީގެ ފަރާތުން އާ ހިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފްކުރާނަމަ އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން، ކުންފުނީގެ އޮފިޝަލް ސޯޝަލް މީޑިއާ އަދި އެހެނިހެން މީޑިއާ ޗެނަލްތަކުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މިފަދަ ސްކޭމްތައް އާންމުވެފައިވާއިރު މި ކަންކަމަށް ސަމާލުވުމުގެ ގޮތުން އެމްޓީސީސީ ނުވަތަ އާރްޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި އެފަދަ ފަރާތްތަކާ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެމްޓީސީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީއަށް ރައްޔިތުން ކުރާ އިތުބާރުގެ ބޭނުން ނަހަަމަގޮތުގައި ހިފައި ނުހައްގުން ފައިސާ ހޯދުމަށް ކުރާ މިފަދަ ނާތަހުސީބު އަމަލުތައް އެމްޓީސީސީއިން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.