38 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެންގޮސް ދިޔަވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ތިލަފުށްޓާ ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއާ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ އުޅަނދުގައި 38 މީހުން ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މިއަދު ހެނދުނު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އޭގައި ތިބި 48 މީހުން އޮޔާ ދަނިކޮށް ފުލުހުން ވަނީ އެ މީހުން ސަލާމަތްކޮށްފައެވެ. ފުލުހުން ބުނެފައި ވަނީ ދިގުރަށުން މާލެއަށް ދަތުރުކުރަމުން ދިޔަ 'ހުވަން' ލޯންޗު ގާތްގަނޑަކަށް ހެނދުނު 8 ޖަހާއިރު ދިޔަވެފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.
އެ ލޯންޗުގައި ތިބީ 45 ފަސިންޖަރުންނާއި ތިން ފަޅުވެރިން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 45 ފަސިންޖަރުންގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.