ރޭ ކ. ތުލުސްދު އަށް ކުރި ވިއްސާރައިގައި އެ ރަށުގެ ވެލިގަނޑާ އެއްކޮށް ބޮޑުބައެއް ކަނޑައިގެން ގޮސް، ގިނަ ގޭބިސީތަކުގެ ފާހާނާތަކުން ނަޖިސް ލީކުވިކަމުގެ ރިޕޯޓުތައް ކޮށްފައިވާ ކަމަށް، އެ ރަށު ކައުންސިލް ރައީސް އަސްލަމް މޫސާ ވިދާޅުވެއްޖެއެވެ.

މާލޭގެ އިތުރުން ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރި ވިއްސާރައިގައި އެ އަތޮޅުގެ ހިންމަފުށްޓަށާއި ގުރައިދުއަށާއި ހުރާގެ އިތުރުން ދިށްފުށްޓަށާއި ތުލުސްދުއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެފައިވެއެވެ.

'ދަ ޕްރެސް' އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެ ރަށުގެ ގާތްގަނޑަކަށް 70 ޕަސެންޓު ގެތަކުގައި ފެން ބޮޑުވެފައިވާ ކަމަށާއި، ރޭ ކުރި ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ބައެއް ގެތަކުގެ މުށިތައް ފަޅައި ފެން ލީކުވެފައި ހުރި ކަމަށް ފާހަގަކުރެވުނު ކަމަށެވެ. މީގެ އިތުރުން ގިނަ ގެތަކުގެ ފާހާނާތަކުން ނަޖިސް ވެސް ލީކުވި ކަމަށާއި، މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އާ ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ރަށުގެ ހާލަތު ގޯސްވީ ނަރުދަމާ ޕަމްޕް ސްޓޭޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، އާންމުން ރަށުގެ މަގުތަކުގެ ކޮޅުން ކަނޑައިގެން ވެސް ފެން ބޭރުކުރަން ދަތިވި ކަމަށެވެ.

"ވާރޭ ގާތްގަނޑަކަށް ތިން ގަޑިއިރު ނުހުއްޓައި ހަމަ ވަރަށް ބޯކޮށް ވެހުނީ،" އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ތުލުސްދު އަށް ވާރޭ ތުނިކޮށްލީ ފަތިހު 4 އާއި 5 އާ ދެމެދުގެ ވަގުތެއްގައެވެ. މެންދަމު 3 ޖަހާކަންހާއިރު ސިފައިންގެ އެހީތެރިކަން އެ ރަށަށް ލިބުނު ކަމާއި ސިފައިންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން ގާތްގަނޑަކަށް 5 ޖަހާއިރު ފެންގަނޑު އަޑިކޮށްލެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

"އެކަމަކު ދެން ރަށުގެ އެކި ސަރަހައްދުތަކުން ވަރަށް ބޮޑު ބައި ވެލިގަނޑާ އެއްކޮށް ކަނޑައިގެން ގޮސް ފާލަމާ އެއްޗެހި ހިސާބު ހުންނަ ސަރަހައްދަށް ނުދެވޭ ވަރަށް އެ ހިސާބުގެ ވެލިގަނޑު ކަނޑައިގެން ގޮސް މިހާރު އެ ތަން މޫދަށް ވެފަ އެ އޮތީ ދެން،"

އެގޮތުން އެ ރަށުގައި މިފަހުން ހެދި ބީޗު ވެސް ގާތްގަނޑަކަށް ހަލާކުވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ގިނަ ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތައް ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، ނިދާ ކޮޓަރިތަކުގެ އެނދުތައް ވެސް ހުރީ ފެންގަނޑު ތެރޭ ކަމަށެވެ. ގެއްލުންވި ފަރުނީޗަރުތަކުގެ ތެރޭ މީހުން ރޯދައަށް ގަނެ، ނަމަވެސް ނުކަނޑާ ހުރި ފަރުނީޗަރު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ފަސް އިންޗި ހަ އިންޗި އަޑީގަ، ބައެއް ގޭގޭގަ ގާތްގަނޑަކަށް ފޫޓަކަށް ދޮޅު ފޫޓަށް ފެން ހުރި، އެހެންވީމަ ދެން އެ ބޭފުޅުން ހަމަ ގެ ދޫކޮށް އެހެން ތަންތަނަށް މޫވް ވެސް ކުރި، ބަދަލު ކުރި،"