ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތިގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތަކައި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމައިފިއެވެ.

މިދިޔަ މަސް ތެރޭގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ފުލުހަކީ ކޮންސްޓެބަލް އާމިނަތު މާޔާ ހުސެއިން ބަޝީރުއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެކެވެ. އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮށް، މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ވަނީ ލަފާ ދީފައެވެ.

އެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު، މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.