ކ. ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.
މި މަޝްރޫއުގެ ދަށުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 1،729.12 އަކަފޫޓުގެ ހެލްތް ސެންޓަރުގެ ބްލޮކަކާއި، 238.11 އަކަފޫޓުގެ ސާވިސް ބްލޮކަކާއި، 167.63 އަކަފޫޓުގެ އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ.
މިގޮތުން ހެލްތް ސެންޓަރުގެ ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި، ލެބޯޓްރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރިއަކާއި އިމްޖެންސީ ހިދުމަތްދޭ ޔުނިޓެއްގެ އިތުރުން ޕަބްލިކް ހެލްތް ޔުނިޓެއްވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފައި ވެއެވެ.
101.71 މިލިއަން ރުފިޔާއަށް ސިއްހީ ވުޒާރާއިން އެ ކުންފުންޏާއި ހަވާލުކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއިއެކު 1680 މީހުންގެ އާބާދީއެއް ދިރިއުޅޭ ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއި އެކު ސިއްހީ ފަރުވާ ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވޭޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކުނިންމައިފައެވެ، 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.