ކ. ތުލުސްދޫގައި އަލަށް ގާއިމްކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯ ހެޑްއޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ރާފިއުއެވެ. 175 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް 11،954،501 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ވިދާޅުވީ، ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށާއި ސްޓެލްކޯ ކުންފުންޏަކަށްވުމަށް ފަހު މާލޭ ރީޖަންގެ ހިދުމަތް ފިޔަވާ، އެ ކުންފުނީގެ ހިދުމަތަށް ނެގުނު ފުރަތަމަ ރަށަކީ ތުލުސްދޫކަމަށެވެ. ތުލުސްދޫގަ މިހާރުވެސް ހިނގަމުން ދާ ޕަވާހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވާހައުސްއެއްކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ޕަވާހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އާބަން ސެންޓާސްތަކާ ދުރުގަ ޕަވާހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ތުލުސްދޫ ޕަވާހައުސް ބަދަލުކުރަން ނިންމީ ކަމަށް ފަހުމީ ވިދާޅުވިއެވެ. އެގޮތުން މިހާރު ޕަވާހައުސް ހެދުމަށް ނިންމާފައިވަނީ އަލަށް ހިއްކާފައިވާ ސަރަހައްދުގައިކަމަށް ފަހުމީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، މިއަދު ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ. ތުލުސްދޫ މިހާރުވެސް ފާހަގަކުރެވިފަވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގައިކަމަށް އިބްރާހީމް ނަސީމް ވިދާޅުވިއެވެ. "އެހެންވީމަ މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ހައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ. މި ދަންނަވަނީ އާންމު ދިރިއުޅުމުގަ ރަށުން ކަރަންޓު ދާ ވާހަކައެއް ނޫން އެއްވެސް ހާލަތެއްގަ. ހަމަ ވަރަށް ރަނގަޅު ހާލަތެއްގަ ކަރަންޓު އޮތީ. އެހެން ނަމަވެސް މި އީދު އެއްޗެހި އައިސްގެން ލައިޓްތައް ޖައްސާ، އެއްކަލަ ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ" އިބްރާހީމް ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، ތުލުސްދޫގައި އާ ޕަވާހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ ވަރަށް ގިނަ ދުވަސްވެފައިވާކަމަށެވެ. ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ތުލުސްދޫގައި އާ އިންޖީނުގެ އެޅިގެން ދިޔުމުން އިންވެސްޓަރުންނަށްވެސް އެ ރަށުން އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނަކަމުގެ ޔަގީންކަން ލިބިގެން ދާނެކަމަށް އަސްލަމް ވިދާޅުވިއެވެ.