މެއި 16 ވަނަ ދުވަހު ކ. ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ކ. ތުލުސްދޫއަށް ބާލާފައި ވަނީ ދެވިފައިވާ ހުއްދަ އާ ހިލާފަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ކުއްތާ އަކީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ރާއްޖެ ގެނެވޭ އެއްޗެއް ކަމަށާއި، ޑިފެންސް މިނިސްޓްރީން ހުއްދަ ދީފައިވަނީ ހަމައެކަނި ޕެޓް ޑޯގެއްގެ ގޮތުގައި އެ ކުއްތާ ޔޮޓުގައި ގެންގުޅުމަށް އެކަނި ކަމަށެވެ. އަދި ޔޮޓު ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ދަތުރު ކުރި ނަމަވެސް ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށްވެސް ދެވިފައިވާ ހުއްދައިގައި ބަޔާން ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ނަމަވެސް ހުއްދަ އާ ހިލާފަށް ކުއްތާ ބޭލި މަންޒަރު ސޯޝަލް މީޑިއާގައި ވެސް މިހާރު ދަނީ ވައިރަލް ވަމުންނެވެ.

ފުލުހުން ބުނީ، ކުއްތާ ތުލުހުސްދޫ އަށް ބޭލި ކަމަށް ރިޕޯޓް ލިބުމާއެކު ފުލުހުން މި މައްސަލައަށް އެޓެންޑް ވެފައިވާ ކަމަށެވެ.

ދިރޭ ޖަނަވާރު އެތެރެ ކުރުމުގެ ގަވާއިދުގައިވާ ގޮތުން ރާއްޖެއަށް އެތެރެ ކުރުން ހުއްދަ ނޫން ޖަނަވާރެއް އެތެރެކޮށްފިނަމަ، އެ ޖަނަވާރެއް އަނބުރާ ފޮނުވާލެވޭނެއެވެ. ނުވަތަ އެ ޖަނަވާރެއް ނައްތާލެވޭނެއެވެ. އަދި އެކަމަށް ދާ ހަރަދަށް ޒިންމާވާން ޖެހޭނީ ޖަނަވާރު ގެނައި ފަރާތުންނެވެ.

މީގެއިތުރުން 50،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެ ގަވާއިދުގައި ބަޔާން ކޮށްފައި ވެއެވެ.