ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާނު ކުރި، ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންނާއި ޝަރުތު ހަމަނުވާ މީހުންނަށް މި މަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިން މިނިސްޓްރީގެ މެއިލް، އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއިން ޝަކުވާ ހުށަހެޅޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން ފްލެޓު ލިސްޓާ ބެހޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުސަތު ހުޅުވާލާފައިވާއިރު ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މާޗް 31 2025 ވާ ހޯމަ ދުވަހުގެ ރޭ 23:59 ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ހާއްސަކޮށް މިހާރު އިމާރާތް ކުރަމުންދާ ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.

އަދި އެ ފުލެޓުތަކަށް 1،820 މީހެއް ޝަރުތު ހަމަވެފައިވާއިރު، ބާކީ ފުލެޓުތައް ދޭނީ، ބާކީ 15،000 ފޯމު އިވެލުއޭޓް ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު ނެރުނު ލިސްޓާއި ގުޅިގެންވެސް ގިނަ ބަޔަކު ޝަކުވާކުރަމުން އަންނައިރު، އެ ލިސްޓުގައިވާ ފަރާތްތައް އިވެލުއޭޓްކޮށްފައިނުވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.