ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން ހުށަހެޅި އިސްލާހަށް ވޯޓު ނުދެއްވި ސަބަބު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގް ސާފުކޮށްދެއްވައިފިއެވެ.

ކޯޓުތަކުގެ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ. މި އިސްލާހަށް ތަޅުމުގައި ވޯޓަށް އެހުމުން 68 މެންބަރަކު ވޯޓު ދެއްވީ އިސްލާހު ފާސްކުރުމަށެވެ. ނަމަވެސް ނުވަ މެންބަރަކު އިސްލާހު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވިއެވެ.

އެކަމަކު އިސްލާހަށް ވޯޓަށް އެހި ވަގުތު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި އަޒާން ވިދާޅުވީ މި އިސްލާހަށް ތާއީދު ނުކުރައްވަން ނިންމެވީ އޭނާގެ ދާއިރާގެ ރައްޔިތުންނާއި ގާނޫނީ ވަކީލުންނާއި ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކުރެއްވި ފަރާތްތަކާއި މިހާރު ވެސް ޝަރުއީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ސަރުކާރުގެ ވަޒީރުންނާއި ގައުމަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ފަރާތްތަކުން ދެއްވި މަޝްވަރާ އާ އެއްގޮތަށް ކަމަށެވެ.

"އަދި މި ބިލަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދުކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާ ހިލާފު ކަމެއް ކަމަށް ދެކޭތީ،" އަޒާންގެ ބަޔާނުގައި ވެއެވެ.

އަޒާން ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ހުރި ނަމަ ޖޭއެސްސީ މެދުވެރިކޮށް އެ މައްސަލަ ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވިދާނެ ކަމަށާއި، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮއްވައި އެ މަގު ހިޔާރުނުކޮށް ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށް ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން، ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ރާއްޖޭން ބައިވެރިވެފައިވާ މުއާހަދާތަކާ ބީ ރައްޓެހި އަދި ގާނޫނުއަސާސީ އާ ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ވާތީ މި އިސްލާހަށް ތާއީދުނުކުރައްވާ ކަމުގައި އަޒާން ވިދާޅުވިއެވެ.

"އަޅުގަނޑު އަދިވެސް މި ހުރީ ސަރުކާރަށް ތާއީދުކުރާ މެންބަރެއްގެ ގޮތުގައި އައްޑޫއަށް ތަރައްގީ ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުމަށް، ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތައް ނުފުއްދޭނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުންތައް ހައްލުނުކުރެވޭ ނަމަ ނުވަތަ ލަސްވާނަމަ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުމުގައި ދެމިހުންނަން،" އޭނާ ވިދާޅުވިއެވެ.