ރައީސް އޮފީހަށް ފޮނުވާ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ނުލިބޭނެ ކަމަށާއި ހެޔޮ ނިޔަތެއް އޮތް ނަމަ އެޗްޑީސީގެ ޗެއާނަމް އަހްމަދު ޒުހޫރު ދައްކަވާނީ މިއަދަކު ނޫން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވީ، އެޗްޑީސީގެ މައްސަލަތައް ފާހަގަކޮށް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު ފޮނުއްވި ކަމަށް ބުނާ ސިޓީއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހަށް އެ ސިޓީ ބަލައިގެންފައިވާ ކަމުގެ ލިޔުން ހާމަކޮށް އާންމުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް ވަނީ އެ ސިޓީ ލިބިވަޑައިގެންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ސިޓީ ލިބިވަޑައިގެންނެވި ނަމަ މައްސަލަ ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ފާޑު ވިދާޅުވި ފަރާތްތަކުގެ ތެރެއިން ދަ ޑިމޮކްރެޓްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހަށް އެ ސިޓީ ލިބިފައިވާކަން ހަމާކުރައްވަމުން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އަށް ފަހު ރައީސް މުއިއްޒު މިފަހަރު ތިކުރެއްވި ކަމަކީ މިރާއްޖޭގައި ތަރުތީބަކުން ހިނގަމުންއައި އެންމެ ޒަމާންވީ އިންސްޓިޓިއުޝަންގެ އަގު ވައްޓާލުން ކަމަށެވެ. ރައީސަކަށް ހުންނަވާ، ރައީސް އޮފީހުގެ އަގު ވައްޓާލުމަކީ ދޮގުތައް ފޮރުވަން ވެސް ވެރިޔަކު ކުރަން ހޮޔޮވާވަރު ކަމެއްނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސިޓީއާ ގުޅިގެން އަޒާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް އޮފީހަށް ލިބުމަކީ ރައީސަށް ލިބުމެއް ނޫން ކަމަށެވެ. ރައީސް އޮފީހަށް އެތައް 100 ސިީއެއް ލިބޭނެ ކަމަށާއި ރައީސާ ހަމައަށް ހުރިހާ ސިޓީތަކެއް ނުދާނެ ކަމަށެވެ. ރައީސަށް މައްސަލަތަކުގެ މައުލޫމާތު ލިބިވަޑައިގަތުމާއެކު އެވަނީ ފިޔަވަޅު އަޅުއްވާފައި ކަމަށާއި ޒުހޫރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ މިވާހަކަ ދައްކާނީ މިއަދަކު ނޫން ކަމަށް އަޒާން ވިދާޅުވިއެވެ.

'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގައި ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރުމުގެ މައްސަލައާ ގުޅިގެން ފުލުހުން ހިންގާ ތަހްގީގުގެ ތެރެއިން، މި ކަމުގައި ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ފެންމަތިވުމާއެކު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާދެއްވާފައި ވާ އިރު، އެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަން ކޮށްފައެވެ.

މަގާމުން އިސްތިއުފާ ދެއްވަމުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި، އެދެނީ އެ ތުހުމަތު ތަކުގެ ހަގީގަތް ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަވުމަށް ކަމަށެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، ފުލުހުން ހިންގި ތަހުގީގު ގައި އެ ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެ ލިޔުމަކީ ކުރީ ސަރުކާރުން ދީފައިވާ ލިޔުމެއް ކަމަށް ވަނީ ބުނެފައެވެ.