އާރުޓީއެލް ފެރީ ނިޒާމާ ގުޅިގެން ހިދުމަތްދިނުމަށް ހެދިފައިވާ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސް އާއި ހަވާލުކުރައްވައިފިއެވެ.
ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް އެ މިނިސްޓްރީއާއި، ހަވާލުކޮށް އެ ކަމުގެ ރަސްމީ ލިޔުމުގައި މިނިސްޓްރީ އޮފް ޓްރާންސް ޕޯޓު އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޝަހާން މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް މެނޭޖަރު އަލީ ފާތިހިއެވެ. ސިޓީސް، ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތިމަތު މުނާއެވެ.
މި އެއްބަސްވުމުގެ ދަށުން ހޯމް ސިޓީސް، ލޯކަލް ގަވަމަންޓާއި ހަވަލުކޮށްފައިވަނީ ޒޯން 1 ކަމުގައިވާ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހަދާފައިވާ މި ފަދަ 21 ތަނެކެވެ.
މިއަދު ހަވާލުކުރެވުނު ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތަކުގެ ސަބަބުން އާރުޓީއެލް ފެރީގެ ހިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށް އެ ތަންތަން ބޭނުންކުރުމުގެ މަގު ފަހިކޮށްދީ، އެ ތަންތަނުގެ އެންމެހައި ކަންކަން ގާތުން ބެލެހެއްޓުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބި، އަދި އެ ތަންތަނުން މާލީ މަންފާތައް ލިބިގަތުމުގެ ހައްގު ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް ހަމަޖެހިގެން އެ ދިޔައީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ހިޔާލުތަކާއި ގުޅިގެން ކަމަށެވެ. އަދި ކުރިއަށް އޮތް 3 މަހެއްގެ ތެރޭ މި ކަމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ކައުންސިލްތަކަށް އެ ސްޕޮޓްތަކާއި، ޓާމިނަލްތައް ހަވާލުކުރައްވާނެ ކަމަށް މިނިސްޓްރީ ވިދާޅުވިއެވެ.
މިހާރު އާރުޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއާޕޯޓް ހަދާފައިވާ 3 ރަށަކަށް ދެމުން އާދެއެވެ.