އައްޑުއިން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ފެނަކައިގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލު އެބައޮތް ކަމަށެވެ. މިގޮތުން އައްޑޫ ފެނަކަ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާތަކަށް އެދުނުތާ އަހަރެއްވީ އިރު ނުލިބޭ ކަމަށް، އެ ތަނުގެ އިސް މުވައްޒަފުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

މިގޮތުން އައްޑޫ އިންޖީނުގޭގައި ހުރި 17 އިންޖީނުގެ ތެރެއިން ހަތަރު އިންޖީނަކަށް މައްސަލަ ދިމާވެ، އޭގެ ތެރެއިން ތިން އިންޖީނަށް ސްޕެއާ ނުލިބުމުގެ ސަބަބުން އެ އިންޖީނުތައް ހުރީ މަރާމާތުނުކުރެވޭ ހާލަތެއްގައި ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ އޭނާ ހިމެނޭހެން އައްޑޫގެ ބައެއް މެންބަރުން މި މަހުގެ 14 ވަނަ ދުވަހު ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރުމުން، އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ހަތް ދުވަހުގެ ތެރޭ ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ އިސްވެރިން ދެއްވިތާ 12 ދުވަސް ވެގެން ދިޔައިރު ވެސް، އެއްވެސް ސްޕެއާއެއް ނުލިބޭ ކަމަށް އައްޑޫ ފެނަކަ އިންޖީނުގެއިން މައުލޫމާތު ދޭ ކަމަށް އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހު އައްޑޫގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، މިހާރުގެ ކެޕޭސިޓީއަށް ހަތަރު މެގަވޯޓު އިތުރުނުކުރެވިއްޖެ ނަމަ ރަމަޟާން މަހު އައްޑުއިން ކަރަންޓު ކެނޑޭ މައްސަލަ ހައްލުނުވާނެ ކަމަށް އައްޑޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ބުނާ ކަމަށާއި، އިންޖީނުތަކަށް ބޭނުންވާ ތެލާއި ސްޕެއާ އާއި ކޭބަލް ހޯދުމަށް އެދުމުން ގިނަ ދުވަސްވެގެން ދާއިރު އެ ތަކެތި ނުލިބުމަކީ ދިމާވާނެ ދަތިކަމެއް ކަމަށް ވެސް މުވައްޒަފުން ފާހަގަކޮށްފައިވާ ކަމަށެވެ.

އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ އެ ސިޓީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި އޭނާ ވަނީ ފެނަކައިގެ ބައެއް އިސްވެރިން މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފެނަކައިގެ:

  • މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު
  • ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ
  • ކުރީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލްވާހިދު
  • ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ވަހީދު
  • ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މަސްއޫދު
  • ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިދު