ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެ ވަޑައިނުގަތުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު، ޕީއެންސީގެ މެމްބަރުންގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފިއެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. އެ ވޯޓުގެ ކުރިން ޕީއެންސީން އޮތީ އެ ބިލް ބަލައިގަތުމަށް ވޯޓު ދިނުމަށް އަންގައި ތްރީލައިން ވިޕެއް ނެރެފަ އެވެ. ނަމަވެސް އެ ވިޕާއި ހިލާފަށް ދެ މެންބަރަކު ވޯޓުގައި ބައިވެރި ނުވާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހް ވަނީ ވިދާޅުވެފައެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެ ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވަނީ އަޒާންގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރުއެވެ. ޕާޓީން ނެރުނު ވިޕާއި ހިލާފަށް ވޯޓު ނުދެއްވާ ބޭފުޅުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފަލާހް ވިދާޅުވެފައިވާއިރު ޕީއެންސީގެ މަޖިލިސް މެންބަރުން ހިމެނޭ ގުރޫޕުން އަޒާން މިވަނީ ބޭރުކޮށްފައެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން އަޒާންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
އަޒާން ގުރޫޕުން ބޭރުކުރި ނަމަވެސް އަހުމަދު ނަސީރު ގުރޫޕުން ބޭރު ނުކުރާ ކަމަށް ވެއެވެ. އިއްޔެ ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައިވެސް އަޒާން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.
މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވާއިރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 މެންބަރުންނަށް މަދު ކުރުމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ވެސް ވެއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިރޭ ވަނީ ނިންމާފައެވެ.