ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ފާސްކުރި އިސްލާހުގެ ސަބަބުން މާޒީ އަލުން ތަކުރާރުވުމުގެ ބިރު އެބައޮތް ކަމަށް ބުނެ، އެ އިސްލާހު ތަސްދީގުނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން ބާ ކައުންސިލުން އެދިއްޖެއެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްވެ ގާނޫނަކަށް ވެއްޖެ ނަމަ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުވާނެއެވެ. މި އިސްލާހު ފާސްކުރަން 68 މެންބަރަކު ވޯޓު ދެއްވިއިރު ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު މިޔަދުގެ ޖަލްސާގައި ވޯޓު ދެއްވިއެވެ.

ބާ ކައުންސިލުން ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުުރުމަށް އިސްލާހު ހުށަހެޅި ސަބަބާއި އެ އިސްލާހުން ހާސިލްކުރަން ބޭނުންވާ މަގްސަދު ސާފުކޮށް އެނގެން ނެތް ކަމަށާއި، އެ އިސްލާހު ގެންނަން ބޭނުންވާ ސަބަބާއި މަގްސަދު އާންމުންނަށް އެނގުމަކީ ދެފުށް ފެންނަ ޑިމޮކްރެޓިކް މުޖުތަމައެއްގައި އަމަލުކުރަން ވާނެ ގޮތް ކަމަށެވެ.

ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު ވަކިކޮށްގެން ނުވާނެ ކަމަށާއި، އަދި ފަނޑިޔާރަކު ވަކިކުރެވޭނީ އެ މީހަކު ގާބިލުނޫންކަމަށް ނުވަތަ އެކަށީގެންނުވާ އަމަލެއް ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އިއްތިފާގުން ފާސްވުމުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކަން މިހެން އޮތް ހިނދު ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ކުރީ ސަރުކާރުތަކުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ވަކިކުރުމުގައި މާޒީގައި ކަން ހިނގާފައިވާ ގޮތާ އެއްގޮތަށް ކަންކަން އިއާދަވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެ، މި އިސްލާހު ގާނޫނުއަސާސީ އާއި، އަދި ދުސްތޫރީ އަދި ގާނޫނީ ހަމަތަކާ ހިލާފު ކަމަށާއި، މި އިސްލާހަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ޣައިރު ދުސްތޫރީ އިސްލާހެއް ކަމަށް ބާ ކައުންސިލުން ސިފަކޮށްފައިވެއެވެ.

"ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ގާނޫނުއަސާސީ އާ ހިލާފުވާ ގޮތަށް ހަދާ ކޮންމެ ގާނޫނެއް، ނުވަތަ ގާނޫނަކުން ބައެއް ވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމާއި، އެފަދަ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމާއި އަދި ގާނޫނުއަސާސީ އާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއް ކަމަށް ބަޔާންކޮށްފައިވާތީ، އިސްވެ ހަވާލާ ދެންނެވުނު ބިލަކީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމުގައި މި ކައުންސިލުން ދެކެމެވެ." ބާ ކައުންސިލްގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މި އިސްލާހު ތަސްދީގުނުކުރައްވައި އަލުން މަޖިލީހަށް ފޮނުވާލުމަށް ބާ ކައުންސިލުން ރައީސްގެ އަރިހުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.