ސަސްޕެންޑްކޮށްފައިވާ ސްޕްރީމްކޯޓުގެ 3 ފަނޑިޔާރުންގެ މައްސަލަ އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި ބަލާނެ ކަމަށް އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.
ސަސްޕެންޑްކޮށްފައި ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ވާ ހުސްނު ސުއޫދު، މަހާޒު އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރުއެވެ.
މި 3 ފަނޑިޔާރުން ސަސްޕެންޑް ކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އޭސީސީން ބަލަމުން ދާ މައްސަލައަކާ ގުޅިގެންނެވެ.
އޭސީސީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނާ ކޮރަޕްޝަނުގެ އަމަލެއް، އެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނާ ފަރާތަކުން ކުރަމުންދާކަމަށް ތުހުމަތުކޮށް ހުށަހެޅިއްޖެނަމަ، އެއްވެސް ފަރާތެއް އިސްތިސްނާ ކުރުމަކާ ނުލައި އެ މައްސަލައެއް ތަހުގީގުކުރުމަކީ އޭސީސީގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އަދި ވާޖިބެއް ކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 202 ވަނަ މާއްދާއާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 21 އަދި 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެފަދަ މައްސަލަތައް ބެލުމުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ގާނޫނުތަކާއި ގަވާއިދުތަކުން ކޮމިޝަނަށް މަތިކޮށްފައިވާ ބާރުތަކުގެ ތެރެއިން މައްސަލަތައް ބަލަމުންގެންދާނެ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.
އޭސީސީއިން ބުނީ އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގުކުރަމުންދާ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ލެނބުމެއްނެތި ،ވަކި ފަރާތަކަށް ބުރަނުވެ ތަހުގީގު ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންދީފައެވެ.