ކުރަންވީ ކަމަކީ ޒުވާން އުމުރުގައި ކުދިން ގޭންގު ކުށްތަކުގައި ބައިވެރިވާ ސަބަބު ހޯދައި އެ ސަބަބުތައް ނައްތާލުމަށް ކަމަށް، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެއެވެ.

ގޭންގު ކުށްތައް ހުއްޓުވުމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ، ޒުވާން އުމުރުގައި ކުދިން ގޭންގު ކުށްތަކުގައި ބައިވެރިވާ ސަބަބު ދިރާސާކޮށް އެކަމަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ.

"އެއްވެސް ކުއްޖަކު ސްކޫލް ދައުރުގަ މަދުރަސީ ހަޔާތުގަ އެމްބިޝަނަކަށް ނަހަދާނެ ބޮޑުވެގެން ގޭންގު މީހަކަށް ވާކަށް، އެހެން ނަމަވެސް އެ ކުއްޖާ ޒުވާން އުމުރުފުރައިގަ ގޭންގު މެންބަރަކަށް މި ވެގެން ދަނީ އެ ކުއްޖާ އުޅެ ބޮޑުވާ މާހައުލުގެ ސަބަބުން އެ ކުއްޖާ އަށް ލިބެންހުރި ފުރުސަތުތައް ނުލިބުމުގެ ސަބަބުން،" އަޒާން ވިދާޅުވިއެވެ.

އަޒާން ވިދާޅުވީ، ވަޒީފާގެ ފުރުސަތެއް ނެތި ޒުވާނުން އެހެން އުޅޭ އުޅުމުގައި ކޮންމެވެސް އެހެން ބަޔަކު ކުށްތަކަށް އަރައިގަނެ ނާޖާއިޒު މުއްސަނދިކަން ހޯދާ މަންޒަރު ފެނުމުން އެ މަގުން މުއްސަނދިކަން ހޯދަން ޒުވާނުންނަށް ހިތްވަރު ލިބި ކޮންމެވެސް ގޭންގެއްގައި ބައިވެރިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގޭންގު ކުށްތަކުގައި ބައިވެރިވާ ގިނަ ޒުވާނުން އެކަމާ ދުރަށް ދާން ބޭނުން ވިޔަސް ފުރުސަތުތައް މަދުކަމުން ކުށުގެ ވެށިން ސަލާމަތްނުވެވި އެބަ ތިއްބެވެ.

އިގްތިސޯދީ ފުރުސަތުތައް މަދު ސަރަހައްދުތަކުގައި ކުށްތަކަށް މީހުން އަރައިގަންނަ އަދަދު އިތުރުކަމަށް ބޭރު ގައުމުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އަޒާން ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެން ހައްލު ހޯދަންވީ މިކަމަށް، އިހުލާސްތެރިކަމާ އެކު އަޅުގަނޑުމެން މަސައްކަތްކުރަންވީ ގޭންގު ކުށްތަކަށް މީހުން ބައިވެރިވާ ސަބަބު ނައްތާލަން،"

ގޭންގު ކުށްތައް ނައްތާލެވޭނީ ޒުވާނުންނަށް ވަޒީފާ އަދާކުރުމަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދީގެން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުނުކުރެވި އޮތީ ކަމާ ގުޅުންހުރި ގާނޫނުތައް ރާއްޖޭގައި ނެތިގެން ނޫން ކަމާއި ގާނޫނުތައް ތަންފީޒުނުކުރެވިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.