ރާއްޖެ އަކީ ދަތުރުފަތުރަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ބުކިންގް.ކޮމް އާއެކު އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ބުކިންގް.ކޮމްގެ ބައިނަލްއަޤްވާމީ ވަސީލަތްތަކާއި މާކެޓިންގް ތަޖުރިބާގެ ބޭނުންހިފައި، ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ސަގާފަތާއި ތަފާތު ތަޖުރިބާތައް ދައްކުވައިދީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.
01 މާޗް 2025 އިން ފެށިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގައި ބުކިންގް.ކޮމް އާއި އެމްއެމްޕީއާރުސީ ގުޅިގެން ހިންގާ ގިނަ ހަރަކާތްތަކާއި ކެމްޕެއިންތަކާއި ސްޓްރެޓެޖިކް ޕާޓްނާޝިޕްތައް ހިންގުމަށް ޓަކައި ގުޅިގެން ކުރިއަށް ގެންދާ ފްރޭމްވޯކެއް ވަނީ ތައްޔާރުކޮށްފައެވެ.
މި މަސައްކަތްތަކުގެ ތެރޭގައި އިނޮވޭޓިވް މާކެޓިންގް މެދުވެރިކޮށް ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު އިތުރުކުރުމާއި، ބުކިންގް.ކޮމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހުށަހެޅުންތައް ފެންނަ މިންވަރުތައް އިތުރުކުރުމާއި، ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް އެކޮމޮޑޭޝަން ދޭ ފަރާތްތަކަށް ހުނަރު ބިނާކުރުމުގެ ވޯކްޝޮޕްތައް ބޭއްވުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އާދަތައް ކުރިއެރުވުންވެސް ފާހަގަކޮށްލެވެއެވެ.
މިކަމާ ގުޅިގެން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ ރީތިކަމާއި ތަފާތުކަން ބައިނަލްއަގްވާމީ ފެންވަރުގައި ދައްކުވައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ބުކިންގް.ކޮމްއިން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި އެމްއެމްޕީއާރުސީގެ މުވައްޒަފުންނަށް ސަޕްލައި ޗެއިން އޮޕްޓިމައިޒޭޝަން ތަމްރީނު ދިނުމާއި، އެމްއެމްޕީއާރުސީގެ މާކެޓިންގް ކެމްޕެއިންތަކަށް ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގުމާއި، ޓްރެވަލް ޓްރެންޑް އިންސައިޓްސް (ޑޭޓާ ޕްރައިވެސީ ގަވާއިދުތަކާ އެއްގޮތަށް) ހިއްސާކޮށް ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް އަންގައިދިނުން ހިމެނެއެވެ.
މީގެ އިތުރުން، ބުކިންގް.ކޮމްއިން އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިން އިނީޝިއޭޓިވްސްއަށް ބޭނުންވާ އިންޕުޓް ފޯރުކޮށްދީ، އެމްއެމްޕީއާރުސީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ އާދަތައް އަމަލީގޮތުން ދުނިޔެއަށް ޕްރޮމޯޓްކުރާނެއެވެ.
ބުކިންގް.ކޮމްގެ އިންޑިއާ، ސްރީލަންކާ، ރާއްޖެ އަދި އިންޑޮނޭޝިއާގެ ކަންޓްރީ މެނޭޖަރު ސަންތޯޝް ކުމާރު މި އެއްބަސްވުމާއި ގުޅޭގޮތުން ވިދާޅުވީ ރާއްޖެ އަކީ ފަތުރުވެރިން އެންމެ ދާންބޭނުންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖެއަކީ އާދަޔާ ހިލާފު ދަތުރުފަތުރުގެ ތަޖްރިބާތަކެއް ލިބޭ ޤައުމެއް ކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖޭގެ ތަފާތުކަން ދައްކުވައިދިނުމަށްޓަކައި ބުކިންގް.ކޮމްގެ ޕްލެޓްފޯމާއި ވަސީލަތްތަކުގެ ބޭނުން ހިފުމަށް އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ.