ނިލަންދެއަތޮޅު ދެކުނުބުރީ (ދ އަތޮޅު)ގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.
3 ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ރައީސް ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނުގެ ވައުދާއި އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި 2 ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެކެވެ.
އެގޮތުން މި ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރައީސް އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.