ރޯދައަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސްގެ ޓޯކަން ދޫކުރާ އަދަދު އިތުރުކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުގައި ދިގު ކިއުތަކެއް ހަދާ، އާންމުން ގިނަ ވަގުތު ހޭދަކުރަން ޖެހުމާއެކު ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވާއެކު އިންތިޒާމުތައް ފަސޭހަ ކުރުމަށް މަސްދަޅު ދޫކުރާ ސަރަހައްދުތައް އިތުރުކޮށް، އޮންލައިން ޓޯކަންއެއް ނަގައިގެން އެކަން ކުރާނެ އުސޫލެއް ހަމަޖެއްސީ އިއްޔެއެވެ.

އެގޮތަށް ނިންމާފައި ވީ ނަމަވެސް މަސްދަޅު ކޭސް ދޫކުރާ ކޮންމެ ސަރަހައްދަކުންވެސް ޓޯކަން ދޫކުރުމަށް ވަނީ ވަކި މިންވަރެއް ކަނޑައަޅާފައެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން 50 ޓޯކަން ދޫކުރާއިރު އަނެއްބައި ސަރަހައްދުތަކުން 100 ޓޯކަން ދޫކުރެއެވެ. އަދި ދެން ހުރި ސަރަހައްދުތަކުން 200 ޓޯކަން ދޫކޮށްފައި ވެއެވެ.

ނަމަވެސް ސަރުކާރުގެ އަމާޒަކީ ރޯދައިގެ ކުރިން މަސްދަޅު ކޭސްތައް ބަހާ ނިންމުންކަން ފާހަގަކޮށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެޔަށްވުރެ އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް ގެނެއުމަށް ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި:

  • މިހާރު ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދިނުން
  • ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

މީގެ އިތުރުންވެސް މިރޭ ޓޯކަން ދޫކުރަން ފަށާއިރު، މިހާރު ޓޯކަން ލިބިފައިވާ ފަރާތްތަކަށް ހަމަ އެ ޓޯކަންއަށް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ ސަރުކާރުގެ އަމާޒަކީ ރޯދަމަހުގެ ކުރިން ހުރިހާ ފަރާތްތަކަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށާއި، ހުރިހާ ގޭބިސީއަކަށް ލިބެންދެން މަސްދަޅު ބެހުމުގެ ކަންކަން ކުރިޔަށް ދާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މި ބަދަލުތައް ގެނެސް ޓޯކަން ދޫކުރާ އަދަދު އިތުރުކުރާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އިތުރުކުރަނީ ކިހާ އަދަދެއްގެ ޓޯކަން ކަމެއް މިނިސްޓަރު ވިދާޅުވެފައި ނުވެއެވެ.

އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާ އިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް އެއްވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ފަރާތްތަކުން މަރުކަޒަށް ދިއުމުން މަރުކަޒުގައި ތިބޭ މުވައްޒަފުން އެހީވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް ވެސް ބުނެއެވެ.