ލ. ގަމުގެ އިހްތިސާސްގައި އެ އަތޮޅުގައި އޮންނަ ބޮޑުފިނޮޅު ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ލ. ގަމުގެ އިހްތިސާސްގައި އެ އަތޮޅުގައި އޮންނަ ބޮޑުފިނޮޅު ހިމަނާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން، ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެމަނިކުފާނު ނެރުއްވި ގަރާރުން ކަމަށެވެ،
ގަމުގެ އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު އާންމުކޮށް ގެޒެޓްކޮށްފައިވާއިރު ދާދި ފަހުން ރައީސް ވަނީ ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި ރ.މީދު ގެ އިހްތިސާސަށް އެ އަތޮޅު ތާވަތާ ހަމަޖައްސަވާފައެވެ.
ގާނޫނުގައި 700 މީޓަރާއި ހަަމައަށް އިހުތިސާސް ކަނޑައެޅޭ ކަމަށް ބުނެފައިވާއިރު، އެ ބައުންޑަރީ ތެރެއަށް ވަންނަ ރަށްރަށް ކައުންސިލްތަކާއި ހަވާލުކޮށް، އެ ރަށްރަށުގެ ނަފާ ރަށްރަށަށް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.