މި އަހަރު އީދު ފާހަގަ ކުރުމަށް ރާއްޖޭގެ 36 ރަށަކަށް ލައިޓް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އައްޑޫ އާއި ފުވައްމުލައް ފިޔަވާ ހުރި އަތޮޅުތަކުން އާބާދީ ބޮޑު ދެރަށް ކަމަށް ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރޯދަމަހާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކާ އެކުގައި ވަރަށް ބިޒީވާ ކަމަށާއި އެ ގޮތުން ރޯދައަށް ތައްޔާރު ވުމާއި އީދު ލައިޓްތައް ހޯދުމުގެ މަސައްކަތަކީ މިހާރު ކުރަމުން އަންނަ ކަންކަން ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމުގެ މަތިން އީދަށް ބޭނުންވާ ލައިޓްތައް ރަށްރަަށަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ސްޓެލްކޯ އާއި ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާކޮށް މި ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއަހަރު ރާއްޖޭގެ 36 ރަށަކަށް އީދު ލައިޓް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމަށް ގާތްގަނަޑަކަށް 28 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށާއި މިއީ ރައްޔިތުންގެ ހިތްހަމަޖެހުމަށް ކުރާ ހަރަދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރު އީދު ލައިޓް ހަދިޔާ ކުރަން 36 ރަށް ހަމަޖައްސާފައިވާ އިރު، އޭގެތެރޭގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކު ފިޔަވާ ދެން ހުރި އަތޮޅުތަކުން ދެ ރަށަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި 18 އަތޮޅުގެ ތެރެއިން ދެ ރަށް ހޮވާފައި ވަނީ އެ ރަށެއްގެ އާބާދީއަށް ބެލުމަށް ފަހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހިންނަކީ ރީތި ކަމަށް ލޯބިކުރާ ބައެއް ކަމަސާއި އަދި ހާއްސަކޮށް އީދު ފަދަ މުނާސަބާތައް ވަރަށް ކުލަ ގަދަކޮށް ވެސް ފާހަގަ ކުރާ ބައެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ލައިޓުތައް، އެންމެ ފުރަތަމަ މާލެއަށް ތައާރަފު ކުރުމާ އެކު އެހެން ރަށްރަށުން ވެސް ވަނީ ލައިޓު ހޯދަން ބޭނުންވެގެން އެދިފައެވެ.

އީދުގެ އުފާ ފާހަގަކުރުމަށް، އެންމެ ފުރަތަމަ މާލެ ސަރަހައްދުގައި އީދު ލައިޓްތައް ހަރުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުއެވެ. އެއަށް ފަހު މިދިޔަ އަހަރު އީދު ފާހަގަ ކުރުމަށް ވަނީ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކަސް އީދު ލައިޓް ހަދިޔާކޮށްފައެވެ.