ރަމަޟާން މަހުގެ ހަނދު ސާބިތުކުރުން މި މަހުގެ 28ވާ ހުކުރު ދުވަހު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭއިން ބުނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޝައުބާން 29، 1446 (ފެބުރުއަރީ 28) ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް، ރަށު ކައުންސިލްގެ އިދާރާތައް އަދި އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ރަމަޟާން މަހުގެ ހަނދު ސާބުތުކުރުމަށް ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށް ޑީޖޭއޭއިން ބުނެއެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައިކަން ޑީޖޭއޭއިން ވަނީ ފާހަގަކޮށްފައެވެ.
ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޑީޖޭއޭއިން ވަނީ މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑީޖޭއޭއަށް އަދި ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެދިފައެވެ.