ކުރިއަށް އޮތް ރަމަޟާން މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާފައި ހުންނަ ގަޑިތައް އިއުލާން ކޮށްފިއެވެ.

މަރުކަޒީ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ 2 އިން 20 އަށް ހުޅުވާއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރެއިން އެ އޮތޯރިޓީ ހުޅުވުމަށް ހަމަޖެހިފައިވަނީ 2 ދުވަހު ކަމަށެވެ. އެއީ މާޗް 27 އަދި 29 ވަނަ ދުވަހު ކަމަށް ވެއެވެ.

އެގޮތުން އެ ދުވަސްތަކުގައި ހިދުމަތް ދެމުންދާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށް އެ ބޭންކުން ބުނެއެވެ.

އަދި ބޭޭންކިންގް ހިދުމަތް ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް ހެނދުނު 09:30 އިން މެންދުރު 12:00 އަށް ލިބެން ހުންނާނެ ކަމަށް ވެއެވެ. ހަމަ އެހެންމެ ސިޓީ އާއި ތަކެތި ވެސް ބަލައިގަންނާނީ އެ ވަގުތުގައި ކަމަށް އެ އިއުލާނުގައި ވެއެވެ.

ރަމަޟޯން މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރެއިން ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ވެސް ހިދުމަތް ދެމުންދާނީ މަތީގައިވާ ގޮތަށް ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

މިއަހަރު ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ވަނީ މީގެ ކުރިން ކަނޑައަޅުއްވާފައެވެ. އެއީ ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް އޭރު ބުނެފައި ވެއެވެ.

އަދި ހަމައެެހެންމެ މިފަހަރު ސުކޫލުގެ ބޮޑު ޗުއްޓީވެސް ދިމާވަނީ ރޯދަ މަހާއެވެ. ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށޭނީ އަަންނަ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ.