ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިންޑިޔާ އަންހެނަކު ޑީޕޯޓުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަނުގައި މި ބިދޭސީ އަންހެން މީހާގެ އިތުރުން އޭނާގެ އެޖެންޓެއް ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނޭޕާލްގެ 52 އަހަރުގެ ފިރިހެނެއް ވެސް އަތުލައިގެންފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ޑީޕޯޓުކޮށްފައިވަނީ ގީތާ ކުމަރަސާމީ ނަމަކަށް ކިޔާ އިންޑިއާގެ 39 އަހަރުގެ އަންހެނެކެވެ. އިމިގްރޭޝަނުން ބުނީ މި އަންހެން މީހާގެ އެޖެންޓެއް ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނޭޕާލް މީހާވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ޑީޕޯޓުކުރުމަށް މިދިޔަ އަހަރު ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މި އަދަދު މި އަހަރު ތެރޭ ދެގުނަ އަށް އިތުރުކުރަން ސަރުކާރުން އަމާޒުހިފާފައިވާއިރު، ބިދޭސީންގެ މައްސަލަ އަށް 3 އަހަރު ތެރޭ ދާއިމީ ހައްލެއް ހޯދާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހު ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް "އޮޕަރޭޝަން ކުރަނގީގެ" ނަމުގައި ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ނުވަ މަސްދުވަހުގެ ތެރޭގައި 25،483 މީހުންގެ ބަޔޯމެޓްރިކްސަ ވަނީ ނަގާފައެވެ.