ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަސެޕްޝަން އިންޑެކްސް(ސީޕީއައި) ގައި އަނެއްކާވެސް ރާއްޖެއަށް ޕޮއިންޓު ދަށްވެ، ތިން ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން އާންމުކުރި މިދިޔަ އަހަރުގެ ސީޕީއައިއިން ދައްކާގޮތުގައި ދިވެހިރާއްޖެ ވަނީ 39 ޕޮއިންޓުން 38 ޕޮއިންޓަށް ވެއްޓިފައެވެ. އެހެންކަމުން ރާއްޖެ ހިމެނިފައިވަނީ މި އިންޑެކްސްގައި ހިމެނޭ 180 ގައުމުގެ ތެރެއިން މި އިންޑެކްސްގެ 96 ވަނައިގައެވެ.

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުތަކުގެ ތެރޭގައި ހިމެނިފައިވާއިރު، 2022 އަދި 2021 ވަނަ އަހަރު 40 ޕޮއިންޓާ އެކު ރާއްޖެ އޮތީ ސީޕީއައިގެ 85 ވަނައިގައެވެ. އަދި 2023 ވަނަ އަހަރު ރާއްޖެ 39 ޕޮއިންޓާއެކު އިންޑެކްސްގެ 93 ވަނަ އަށް ވެއްޓިފައިވެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނީ ކޮރަޕްޝަން ޕަސެޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވަނީ ގާނޫނަށް ގެނެވުނު ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ނުކުރެވޭތީކަމަށެވެ. މި އިންޑެކްސްގައި މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް އާންމުނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްފަހު ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައެވެ. މިއަަހަރުގެ އިންޑެކްސްގައި އަލިއަޅުވާލާފައިވަނީ ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުގެ މައްޗަށެވެ.

ސީޕީއައި އަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި (0 – 100) ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ޕޮއިންޓު ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.