ދުނިޔޭގެ މަޝްހޫރު މަހުޖަނު އީލޮން މަސްކް، ދުނިޔޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް 1 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ މިލްކިއްޔާތެއް ހުރި "ޓްރިލިއަނަރ" އަކަށް ވެއްޖެއެވެ. މަސްކް މި ލަގަބު ހޯދާފައިވަނީ އޭނާގެ ޖައްވީ ދިރާސާތައް ކުރާ ކުންފުނި، ސްޕޭސް އެކްސް ސްޓޮކް މާކެޓަށް ނެރުމާ ގުޅިގެން އައި ކުރިއެރުމާއެކު މިދިޔަ ހުކުރު ދުވަހުއެވެ.
ބްލޫމްބާގުން ހާމަކޮށްފައިވާ ގޮތުގައި، މަސްކްގެ މިލްކިއްޔާތު މިހާރު ހުރީ ގާތްގަނޑަކަށް 1.11 ޓްރިލިއަން ޑޮލަރުގައެވެ. މިއާއެކު އޭނާ މިވަނީ ދުނިޔޭގެ އެންމެ މުއްސަނދި ލިސްޓުގެ ކުރީގައި އުޅޭ ގޫގުލްގެ ފައުންޑަރުން ކަމަށްވާ ލެރީ ޕޭޖް އާއި ސާޖޭ ބްރިންގެ އިތުރުން އެމެޒޯންގެ ޖެފް ބޭޒޯސް އަދި އެލް.ވީ.އެމް.އެޗްގެ ބާނާޑް އާނޯލްޓަށްވުރެ މާ މައްޗަށް ޖެހިލާފައެވެ.
މަސްކްގެ މި ދަތުރަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޖެނުއަރީ 2020 ގައި އޭނާ އަކީ ދުނިޔޭގެ 35 ވަނަ އަށް އެންމެ މުއްސަނދި މީހާއެވެ. އެއިރު އޭނާގެ މިލްކިއްޔާތުގައި ހުރީ 28 ބިލިއަން ޑޮލަރެވެ. ނަމަވެސް އޭނާގެ މައިގަނޑު ދެ ކުންފުނި ކަމަށްވާ ޓެސްލާ އާއި ސްޕޭސް އެކްސްގެ އަގު އުފުލުމާއެކު، އޭނާގެ މުއްސަނދިކަން ހަލުވިކަމާއެކު އިތުރުވާން ފެށިއެވެ.
މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި މަސްކްގެ މުއްސަނދިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޖެފް ބޭޒޯސް ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދިއެވެ. ނަމަވެސް ޓްވިޓާ ގަތުމާއި، ޓެސްލާގެ ހިއްސާގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން އެކި ފަހަރު މަތިން އޭނާގެ މިލްކިއްޔާތު ދަށަށްވެސް ދިޔައެވެ.
މިހާރު ޓްރިލިއަނަރެއްގެ ގޮތުގައި ހުރި މަސްކް، އޭނާއާ އެންމެ ގާތުން ވާދަކުރާ ލެރީ ޕޭޖަށްވުރެ ހަތަރު ގުނަ މުއްސަނދި އިރު، މެޓާގެ މާކް ޒަކަރބާގަށްވުރެ ފަސް ގުނަ މުއްސަނދިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަސްކްގެ މިލްކިއްޔާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ކުންފުނިތަކުގެ ހިއްސާއެވެ. އޭނާގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި ހުރީ މިލްކިއްޔާތުގެ 0.1. ޕަސެންޓް އަށްވުރެ މަދު މިންވަރެކެވެ. މަސްކްގެ މިލްކިއްޔާތުގެ ބޮޑުބައި އަންނަނީ ސްޕޭސް އެކްސްގެ %42 ހިއްސާ އާއި ޓެސްލާގެ %12 ހިއްސާއިންނެވެ. މީގެ އިތުރުން ނިއުރަލިންކް އަދި ދަ ބޯރިންގް ކުންފުނީގެ ހިއްސާވެސް އޭނާގެ އަތުގައި އޮވެއެވެ.
މީގެ ދިހަ އަހަރު ކުރިން ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާގެ ހިމެނެނީ އެންމެ ދެ މީހުންނެވެ. ނަމަވެސް މިއަދު އެންމެ މުއްސަނދި 6 މީހުންނަކީވެސް ޓެކްނޮލޮޖީ ދާއިރާއިން ކުރިއަރާފައިވާ ފަރާތްތަކެވެ.
