ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ އިނާޔަތުގެ ބަދަލުގައި މުސާރަ ލިބޭ ގޮތަށް ހަމަޖެއްސުމަށާއި، ރޯދަ އިނާޔަތް ލިބޭ ގޮތަށް ހަމަޖެއްސުމަށްޓަކައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް އެލްޖީއޭގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަން ވާނެއެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ ކައުންސިލްތަކާ ހަވާލުކުރާތާ 30 ދުވަހުގެތެރޭ އެ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ހަވާލުކުރަން ވާނެ ކަމުގައި ވެސް ގާނޫނުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅީ އަންހެނުންގެ ކޮމިޓީތަކަށް އެލްޖީއޭގެ ލަފާގެ މަތިން ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅައި، އެ ކޮމިޓީތަކުގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އިނާޔަތް ނުލިބޭ ކޮންމެ މެންބަރަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

މީގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ އެކި ކަންކަމުގައްޔާއި ކައުންސިލްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކުރުމާ ބެހޭ ގޮތުންނާއި، އެކި ދާއިރާތަކުގައި ކުރިޔަށް ދެވޭނެ ގޮތްތަކާ މެދު ކައުންސިލްތަކަށް ލަފާދޭ ބައެއްގެ ގޮތުގައި އަންހެނުންގެ ކޮމިޓީތައް ހެދުމަށް ވެސް މި އިސްލާހުގައި ހިމަނާފައިވެއެވެ.

އަދި އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވައިދު އެ ކޮމިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްތަކުގެ ލަފާގެ މަތިން ހަދަން ޖެހޭ ގޮތަށް އޮންނަ އޮތުން، އަންހެނުންގެ ކޮމިޓީތަކުގެ ހިންގާ ގަވައިދު ސީދާ އެ ކޮމިޓީތަކުން އެލްޖީއޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަދަން ޖެހޭ ގޮތަށް ވެސް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާފައިވެއެވެ.

މިދިޔަ ޑިސެމްބަރު މަހު އދ. އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދެއްވާނެ ކަމަށާއި، އަންހެނުންގެ ކޮމިޓީތަކުގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.