ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ސަރުކާރު މުވައްޒަފުންނަށް ދޭ ރޯދަ މަހުގެ އިނާޔަތް ދެއްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު އދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އދ. ދަނގެތީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަކީ ގާނޫނުގައިވާ ޕޮއިންޓެއް ނަގައިގެން ވަރަށް ބޭއިންސާފުން ނިކަމެތި ގޮތެއް ހަދާފައި އޮތް ކޮމިޓީއެއް ކަމަށެވެ.

އެ ކޮމިޓީއަކީ ރަށަށް ބޮޑެތި ފައިދާތަކެއް ކުރާނެ ފަދަ މަސައްކަތްތަކެއް ކޮށްދޭ ކޮމިޓީއެއް ކަމަށާއި އެ ކޮމިޓީތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާ ވަރަށް ގިނަ ކަންކަން ހައްލު ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހައްލުތައް ހޯއްދަވައި ދެއްވާނީ ގާނޫނު ހަދާ މަޖިލިސް ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ދެން އޮތް ދައުރު ފެށި އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު މަޖިލިސް ހުޅުވުމާއެކު ގާނޫނުތަކަށް އިސްލާހު ގެނައުމަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޑަބްލިއުޑީސީއަށް ހައްލު ގެނެސްދިނުމަށް މި އިސްލާހުތައް ހުށަހެޅުމަށް މުއްދަތެއް ނެގީ އެއީ ހާއްސަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަކީ ފުލް ޓައިމް ވަޒީފާއެއް ނޫނަސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރާ ބައެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މެންބަރުންނަށް އެލަވަންސެއް ދެމުން އައި ނަމަވެސް އެ އެލަވަންސްގެ ބަދަލުގައި މުސާރައެއް ލިބޭ ގޮތަށް ހަމަޖައްސަވާނެ ކަމަށާއި ރޯދަ މަހުގެ އިނާޔަތް ވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް މި ބަދަލު ގެނައުމުން ބޭންކްތަކަށް މުސާރައިގެ ގޮތުގައި ފައިސާ ޖަމާވުމަކީ ބޭންކްތަކުން ލޯނު ހޯދަން ވެސް ފަސޭހަވެގެން ދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް ގެނައުމަށް ލާމަރުކަޒީ ގާނޫނަށާއި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް އެބަ އޮތް ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މި އިސްލާޙުތައް ފެބްރުއަރީ މަހު މަޖީލިހަށް ހުށަހަޅުއްވާނެ ކަމަށާއި އަދި އަންނަ ރަމްޟާން މަހު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.