ރަޝިޔާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ދިވެހި ރާއްޖެ ހެދުމަށް ހާއްސަ ހަރަކާތްތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފިއެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި އަހަރު ބާއްވާ "ވިޒިޓް މޯލްޑިވްސް ވީކް" ގްލޯބަލް ރޯޑްޝޯ ސީރީޒްގެ ފުރަތަމަ ޝޯތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ތަފާތު 21 ކުންފުންޏަކާއެކު ރަޝިއާގައި ފެބްރުއަރީ 3 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. ރަޝިޔާގެ ތިން ސަރަހައްދެއްގައި މި ހަރަކާތްތައް ކުރިަށްގެންދާނެ ކަން ފާހަގަކުރަމުން އެމްއެމްޕީއާރްސީ އިން ބުނީ މި މަހުގެ 3 ވަނަ ދުވަހު ސެއިންޓް ޕީޓާސްބާގް، 5 ވަނަ ދުވަހު މޮސްކޯ އަދި 7 ވަނަ ދުވަހު ޓިއުމިންގައި ރޯޑްޝޯތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ހަރަކާތްތަކާއެކު ރާއްޖޭގެ އެންމެ ފަހުގެ ޑެސްޓިނޭޝަން މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތް ތެރިވާ ފަރާތްތަކާއެކު ޕާޓްނާޝިޕްތައް އުފެދި ގުޅުންތައް ވަރުގަދަ ވެގެން ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މި ހަރަކާތުގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިންޓަރެކްޓިވް ފޮޓޯ ޒޯނެއްގެ އިތުރަށް ހިތްގައިމު ސަގާފީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށާއި، ޓްރެވަލް ޓްރޭޑް މީޑިއާއާއި ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މޮސްކޯގައި ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާނެ ކަމަށެވެ.
މީގެއިތުރުން އެމްއެމްޕީއާރްސީ އިން ބުނީ ސެއިންޓް ޕީޓާސްބާގްގައި ކުރިއަށްދާ ހަރަކާތުގައި ކެނަރީފް ރިސޯޓް މޯލްޑިވްސް އިން ސްޕޮންސާ ކޮށްފައިވާ ހޮލިޑޭ ގިވްއަވޭ ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި އެއީ 2 މީހަކަށް ރިޓާން ޓްރާންސްފާއާއެކު ދެ ނައިޓް، ފުލްބޯޑު ސްޓޭއެއް ކަމަށެވެ.
އަދި މި ހަރަކާތްތަކުގެ ތެރޭގައި ވެބިނާ ސީރީޒަކާއި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެކު ހިންގޭ ކެމްޕެއިންތަކާއި، ޕީއާރު ހަރަކާތްތަކާއި، މީޑިއާ ފެމިލިއަލައިޒޭޝަން ދަތުރުތަކުގެ އިތުރުން ޑެސްޓިނޭޝަން މެނޭޖްމަންޓް ކުންފުނިތަކާއެކު ކެމްޕެއިން ތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.