ސިނަމާލޭ ބުރިޖު ހައިވޭ މަތީގައި މި މަހުގެ 1 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި ވެއްޓުނު މީހާގެ ބޯމަތިން ދިޔަ ސައިކަލު ދުއްވަން އިނީ އަންހެނެއްކަމަށް ފުލުހުން ބުނެފފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން 60 އަހަރުގެ އަންހެނަކާ ސުވާލު ކޮށްފައިވާ ކަަމަށާއި، އޭނާގެ ލައިސެންސު ހިފަހައްޓާ ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލެއިން މާލެއަށް އަންނަ ލޭންގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯންއެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ ހެނދުނު 8:19 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވެ މީހާ ވެއްޓުނު ވަގުތު އޭނާގެ ބޯމަތިން ފަހަތުން އައި ސަކަލެއް ދާ މަންޒަރު ފެނެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މިކަމުގެ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

އެ އެކްސިޑެންޓުވި މީހާ ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންދިޔަ ނަމަވެސް 9:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މީގެ ކުރިން ވެސް ބްރިޖުގައި އެކްސިޑެންޓު ހިނގާ އެކި މީހުންނަށް އެކި އަނިޔާ ލިބިފައިވާއިރު ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައި ވެއެވެ.