އިމިގްރޭޝަން އިން ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަންގައި އިއްޔެވެސް 4 ކެފޭއަކުން 3 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހަވީރު 4 ކެފޭއެއް ބަލާ ފާސްކުރި ކަމަށެވެ. މި ކެފޭތަކުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުން ދިޔަ 3 ބިދޭސީން އަތުލައިގެންފައިވާކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ހައްލެއް ހޯދިފައި ނުވާ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ފިޔަވަޅު އަޅައި އެފަދަ ބިދޭސީން އަންނަނީ ޑީޕޯޓް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަަރު ފެށީ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން އަނބުރާ ގައުމަށް ވަނީ ފޮނުވާލާފައެވެ.

އަދި މި މަސައްކަތުގައި މި އަހަރުގެ އަމާޒަކީ އެ އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މީހުން ފުރުވާލުމުގެ މަސައްކަތާއި ރެއިޑު އޮޕްރޭޝަންތައް އަވަސް ކޮށް، މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން މި އަހަރު އަތޮޅު ތެރެއަށް ޒިޔާރަތްކޮށް ގަވާއިދާ ހިލާފަތް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެއިތުރުން މީގެ އިތުރުން މާލޭ ސަރަހައްދުގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ވަޒީފާ ދޭ ފަރާތުން ހޯމް މިނިސްޓްރީއާ ގުޅިގެން ނިންމުމަށް ވަނީ އަންގާފައެވެ.

އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނުކޮށްފިނަމަ އެކްސްޕެޓް ސިސްޓަމުން އެ ފަރާތެއް ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.