ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ދާއިރާތަކަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަމަށް ޓޫރިޒަމް އެންޑް އެންވާރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށް އެ މިނިސްޓްރީ ހިންގުން ތޯރިގް އިބްރާހީމް އާއި ހަވާލުކުރައްވާފައެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން މިހާރު ކުރެވެމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިން ފަހުރުވެރިވާ އަދި އެންމެންނަށް މިހާރަށްވުރެވެސް ބޮޑަށް ފައިދާކުރާ ދާއިރާއަކަށް ހައްދަވާނެކަމަށާއި މި ދެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ތޯރިގް އައްޔަން ކުރައްވާފައިވާއިރު މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވަނީ އެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރައްވާފައެވެ. ފައިސަލް ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވާއިރު އެއީ މި ސަރުކާރަށް ރައީސް އައްޔަންކުރެއްވި ވަޒީރުންގެ ތެރެއިން އެމަނިކުފާނު ވަކިކުރެއްވި ފުރަތަމަ ވަޒީރެވެ.