އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތް ވެސް ކުރަމުން އަންނަކަމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ތޯރިގް ވިދާޅުވީ އައްޑޫ ސިޓީގެ ސެންޓްރަލް ޕަވާ ހައުސްގައި މިހާރު އެވޭލަބަލް ކެޕޭސިޓީއަކީ 12.1 މެގާވާޓް ކަމަށެވެ. ޕީކް ޑިމާންޑްގައިި 12.2 މެގާވާޓް ހުންނަކަން ފާހަގަކޮށް ތޯރިގް ވިދާޅުވީ މި ވަގުތު ވެސް އައްޑޫގައި ކަރަންޓު ދިނުމަށް 13 ޖެނަރޭޓަރު ބޭނުންކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ޖެނަރޭޓަރު އޮވާ ހޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ތޯރިގް ވިދާޅުވިއެވެ.
މީގެ އިތުރުން ތޯރިގް ވިދާޅުވީ އައްޑޫ ސިޓީއަށް 1.2 މެގާ ވޯޓްގެ ޖަނެރޭޓަރެއް ގަތުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އެ ގޮތުން މި ޖަނެރޭޓަރު ގަތުމަށް ހުޅުވާލެވުނު ބީލަން ބަލައިގަތުން މިއަދު ފެނަކައިން ކުރިއަށް ގެންގޮސްފާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައްޑޫސިޓީގައި 32 މެގާވޮޓްގެ ސެންޓްރަލް ޕަވާ ސްޓޭޝަންގެ މަސައްކަތަކީ ކިރިން އެއްވެސް ޕްލޭނެއް ނެތި ހެދިފައިވާ ތަނަކަށް ވާތީ އިތުރަށް ފްލޭންކޮށްގެން ޓެންޑާކޮށް ބަޔަކާ ހަވާލު ކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ ފައިނޭންސް މަސައްކަތް ކުރުމުގެ ކަންކަން ކުރިއަށް ދާކަން ތޯރިގް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ތޯރިގް ވިދާޅުވީ އައްޑޫ ސިޓީގައި ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި މި މަސައްކަތް ނިމުމުން ކަރަންޓުގެ ކަންކަން ހަރުދަނާ ކުރެވިގެން ދާނެ ކަމަށެވެ. އަދި މިހާރު ރަށުގައި ހެދިފައި ހުރި ވޭސްޓް ހީޓް އިންސްޓަނެރޭޓާ ސިސްޓަމް ވެސް ޓެސްޓް ކުރެވި މި އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށުމުން އިތުރަށް ކަރަންޓް އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ދިމާވެފައި ވާއިރު، އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ގިނަ ގެއްލުންތައް ލިބެމުންދާ ކަމުގެ ޝަކުވާތައް ބޮޑެވެ. މިހާރުވެސް އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫ ގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން އަންނައިރު އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވާ މައްސަލައެއް ކަމުގައި އެ ސިޓީގެ ރައްޔިތުން ފާހަގަ ކުރެއެވެ.