އީކުއޭޓާ ވިލެޖު ސަރަހައްދު ބޭނުންނުކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވަނީ ގަން އެއާޕޯޓު ޕްރޮޖެކްޓާއި ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ގަން އެއާޕޯޓަށް ފަސޭހަކަމާއި އެކު ދަތުރުކުރުމަށް ތަރައްގީކުރެވޭ މުހިއްމު މަގެއްގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައިވާކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ އެއީ އެ ސަރަހައްދުގައި އީކުއޭޓާ ވިލެޖުގެ އެކޮމޮޑޭޝަން ބްލޮކެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މީގެ ކުރިން ގަން އެއާޕޯޓް ކޮމްޕެނީއިން އެތަނުގެ ބަދަލުގައި އެހެން ސަރަހައްދެއް އީކުއޭޓާ ވިލެޖަށް ހަމަޖައްސައި ދީފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.

ނަމަވެސް އީކުއޭޓާ ވިލެޖުން އެފަރާތުގެ އެކޮމޮޑޭޝަން ބްލޮކް ނެގުމަށް ދެކޮޅުހަދާފައިވާ ކަމަށް އަޒާން ވިދާޅުވިއެެވެ. އަދި އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓަކީ ވަކި މުއްދަތަކަށް ނިންމަންޖެހޭ ޕްރޮޖެކްޓަކަށް ވުމާއެކު މި ވަގުތަށް އެ ސަރަހައްދު ބޭނުންނުކޮށް ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން ކޮންސްޓްރަކްޝަން މިނިސްޓްރީއިން އަންގާފައިވާކަން އަޒާން ވަނީ ފާހަގަކުރައްވާފައެވެ.

އަޒާން ވިދާޅުވީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިނުލައްވާ ކަމަށާއި މިކަމާއި ގުޅިގެން މިއަދު އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއަށް ގުޅުއްވައި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. މާދަމާ އީކުއޭޓާ ވިލެޖްގެ ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމަށާއި މި މައްސަލައެއް ހައްލެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަން އަޒާން ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ އިމާރާތެއް ހުސްނުކުރެވި އެ ބިން ކޮންޓްކްޓަރާއި ހަވާލުނުކުރެވުމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެފައިވާ ކަމަށެވެ.

އެ އިމާރާތް ހިމެނޭ މަގުގެ ސަރަހައްދު ބައި ޕްރޮޖެކްޓުން އުނިކުރަން އަންގާފައި ވަނީ އެކަމުގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ ކަމަށް ވެސް މުއްތޮލިބް ވަނީ ވިދާޅުވެފައެވެ. އެ އިމާރާތަކީ އަދި އިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަނޭނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށް މުއްތޮލިބް ވަނީ ވިދާޅުވެފައެވެ.

މުއްތޮލިބް ވިދާޅުވީ 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެން ވެސް އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އެއާޕޯޓް ކޮންޕެނީއިން އެ ބިން ކޮންޓްރެކްޓަރާ ހަވާލު ނުކުރެވިފައި ނުވާ ކަމަށެވެ. މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މި މަހު 17 ގެ ކުރިން މި ކަމަށް ހައްލެއް ލިބިއްޖެނަމަ މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު މުއްތޮލިބް ވިދާޅުވިއެވެ.

ބިން ހުސްނުކުރެވި މި ޕްރޮޖެކްޓްއިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މުއްތޮލިވް ވިދާޅުވިއެވެ. މުއްތޮލިބް ވިދާޅުވީ އުންމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ އިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ހަވާލުކުރެވޭ ގޮތްވުން ކަމަށެވެ.