އަރަބިއަން ޓްރެވެލް މާކެޓް، އޭޓީއެމްގެ ހަވާސާގެ ތެރެއިން ދުބާއީގައި ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އިވްނިން" ބާއްވައިފިއެވެ.

ދުބާއީގެ ސޫކް މަދީނަތު ޖުމައިރާގައި ހުންނަ ތިއޭޓާ އޮފް ޑިޖިޓަލް އާޓްސް(ޓޮޑާ) ގައި ދިވެހި ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ "މޯލްޑިވިއަން އިވްނިން" ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު މި ހަރަކާތުގެ ބޭނުމަކީ ބޭރުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ސަގާފަތް ދައްކާލައި ފަތުރުވެރިންގެ މެދުގައި ރާއްޖެ މަގުބޫލު މަންޒިލަކަށް ހެދުމަށް ބޭނުންވާ މައުލޫމާތު އެކުވެރި މާހައުލެއްގައި ފޯރުކޮށްދިނުމެވެ.

ދުބާއީގައި އިއްޔެ ފެށުނު އޭޓީއެމް ޑުބައި މައުރަޒުގައި ދިވެހިރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވާއިރު މި މައުރަޒަކީ ޓޫރިޒަމް ދާއިރާގެ ޕްރޮފެޝަނަލުންނާއެކު ގުޅުން ބަދަހިކުރުމަށް ވަރަށް މުހިންމު މަންސަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސަޤާފީ ގިނަ ހުށެހެޅުންތަކާއި ފަންނުވެރިންގެ އެކި ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ، މޯލްޑިވިއަން އިވްނިންގްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދެނީ ރީތި ގުދުރަތީ މަހައުލެއް އެކަނި ނޫން ކަމަށެވެ. އޭގެ އިތުރަށް ރާއްޖޭގެ މެހެމާންދާރީ އާއި ސަގާފަތްވެސް ތަޖުރިބާ ކުރުމަށް ފުރުސަތު ދެވިގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައުރަޒުގައި ދިވެހިރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކޮށް، ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހޯދުމަށް މިނިސްޓަރު ވަނީ އެންމެހާ ފަރާތްތަކަށް ދައުވަތު ދެއްވާފައެވެ.

އޭޓީއެމް ޑުބައި މައުރަޒަކީ ދުނިޔޭގެ އެންމެ ބޮޑެތި ޓޫރިޒަމް މައުރަޒުތަކުގެ ތެރެއިން އެއް މައުރަޒެވެ. މި މައުރަޒުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށާއި، އައު ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.