އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަގާމަށް، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ތޯރިގު އިބްރާހީމް އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވައިފިއެވެ.

ތޯރިގު އެ އޭޖެންސީގެ ދާއިމީ މަންދޫބަކަށް ހަމަޖެއްސެވުމާ މެދު މަޖިލީހުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވެވުމަށްފަހު، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

ތޯރިގުއަކީ ތިމާވެއްޓާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅަކަށްވާއިރު އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމްގެ ވެރިކަމުގެ ދައުރު ނިމެންދެން އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމު އަދާކުރެއްވިއިރު މިހާރު ތޯރިގަކީ ދިވެހިރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އަދި އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންދާ ގައުމަކަށްވާއިރު، އައިރީނާ އަކީ އިއާދަކުރަނިވި ހަކަތަ ކުރިއަރުވައި، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. އެ އޭޖެންސީގެ މައި އިދާރާ ގާއިމުވެފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ.