އިންޑިއާގެ ދައުލަތުގެ ކުންފުނިތަކުން އުފައްދާފައިވާ އާދައިގެ ހުރިހާ މިސައިލް ސިސްޓަމްތަކެއްގެ ޓެކްނޮލޮޖީ، އެ ގައުމުގެ ޕްރައިވެޓް ކުންފުނިތަކާ ހިއްސާކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ހުއްދަދެއްވައިފިއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ތަރައްގީކޮށްފައިވާ ޓެކްނޮލޮޖީތައް ޕްރައިވެޓް ކުންފުނިތަކަށް ދިނުމުގެ ބޭނުމަކީ، މިސައިލް އުފެއްދުން އަވަސްކުރުމާއި، ގައުމުގެ އެތެރޭގައި ހަތިޔާރު އުފައްދާ މިންވަރު އިތުރުކުރުމެވެ. އަދި މީގެ އިތުރުން ހަތިޔާރު ހޯދުމަށް ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި ބަދަލާއެކު، ޝަރުތު ހަމަވާ ޕްރައިވެޓް ކުންފުނިތަކަށް މިސައިލް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅޭނެއެވެ.
މީގެ ކުރިން އިންޑިއާގައި މިސައިލް އުފެއްދުމުގެ މައިގަނޑު މަސައްކަތް ކުރަމުން އައީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ބާރަތު ޑައިނަމިކްސްއިންނެވެ. ބެންގަލޫރުގެ ތަކްޝަޝީލާ އިންސްޓިޓިއުޝަންގެ ރިސާޗް ފެލޯ އަދިތްޔާ ރަމަނާތަން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މިއީ އެ ކުންފުނީގެ މޮނޮޕޮލީ ނިމުމަކަށް ގެނުވާނެ ވަރަށް ބޮޑު ބަދަލެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޕްރައިވެޓް ކުންފުނިތަކުން މިސައިލްގެ ބައިތައް އުފައްދަމުން އަންނަތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، މި ނިންމުމާއެކު މުޅި ސިސްޓަމް އެއްކޮށް އުފެއްދުމުގެ ފުރުސަތު އެ ކުންފުނިތަކަށް ލިބިގެންދާނެއެވެ.
މި ނިންމުމުގެ ދަށުން ޕްރައިވެޓް ކުންފުނިތަކަށް ހަވާލުކުރާ ޓެކްނޮލޮޖީގެ ތެރޭގައި ސާފޭސް-ޓު-އެއާ މިސައިލް، އެއާ-ޓު-އެއާ މިސައިލް، އެންޓި-ރޭޑިއޭޝަން މިސައިލް އަދި އެންޓި-ޓޭންކް ސިސްޓަމްތައް ހިމެނޭނެ ކަމަށް ރަމަނާތަން ވިދާޅުވިއެވެ. އަދި ލޭންޑް-އެޓޭކް ކްރޫޒް މިސައިލް ފަދަ ބޮޑެތި ހަތިޔާރުތައްވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ދިފާއީ ދާއިރާއަށް ކުރާ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2014 ވަނަ އަހަރު އިންޑިއާގެ ޑިފެންސް ބަޖެޓަކީ 38 ބިލިއަން ޑޮލަރެވެ. ނަމަވެސް ހިނގަމުންދާ މާލީ އަހަރުގެ ބަޖެޓު ވަނީ 86 ބިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 16 ޕަސެންޓް އިތުރު އަދަދެކެވެ. ފާއިތުވި އަހަރު ޕާކިސްތާނާއެކު ހިނގި ހަތަރު ދުވަހުގެ ހަމަނުޖެހުމާއި، ޗައިނާއާ ދެމެދު އޮންނަ ނުތަނަވަސްކަމުގެ ސަބަބުން، އަމިއްލަ ގައުމުގައި ހަތިޔާރު އުފެއްދުމަށް އިންޑިއާއިން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ޔޫކްރެއިން ހަނގުރާމައާއި އެމެރިކާއާއި އީރާނުގެ މައްސަލަތަކުންވެސް އިންޑިއާއިން ފިލާވަޅު ލިބިގަންނަމުންދާ ކަމަށް ރަމަނާތަން ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ޕްރައިވެޓް ކުންފުނިތަކުން އަންނަނީ ހަތިޔާރު އުފެއްދުމުގެ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ގޯތަމް އަދާނީގެ އަދާނީ ޑިފެންސް އެންޑް އޭރޯސްޕޭސް ކުންފުނިން ވަނީ، އުއްތަރު ޕްރަދޭޝްގައި ހަތިޔާރާއި މިސައިލް އުފައްދާ ކާރުހާނާއެއް އެޅުމަށް 30 ބިލިއަން ރުޕީސް (315 މިލިއަން ޑޮލަރު) އިންވެސްޓްކުރަން 2024 ވަނަ އަހަރު ނިންމާފައެވެ. މީގެ އިތުރުން ޖޫން މަހު އިންޑިއާއިން ވަނީ އެ ގައުމުގެ ކުންފުނިތަކުން 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އަސްކަރީ ޑްރޯން ގަންނަން ތައްޔާރުވަމުންދާ ކަމަށް އިއުލާންކޮށްފައެވެ. އިންޑިއާގެ ޑްރޯން ސިނާއަތުގައި 600 އަށް ވުރެ ގިނަ ކުންފުނި ހަރަކާތްތެރިވާއިރު، އޭގެ ތެރޭގައި އަދާނީ، ލާސަން އެންޑް ޓޫބްރޯ އަދި ޓާޓާ އެޑްވާންސްޑް ސިސްޓަމްސް ހިމެނެއެވެ. ޖުލައި މަހު އިންޑިއާއިން ވަނީ 5.46 ބިލިއަން ޑޮލަރުގެ އަސްކަރީ އާލާތްތައް ގަތުމަށްވެސް ހުއްދަދީފައެވެ.
އިންޑިއާއިން ހަތިޔާރު އެކްސްޕޯޓުކުރާ މިންވަރުވެސް ވަނީ ފާއިތުވި އަހަރުތަކުގައި އިތުރުވެފައެވެ. 2014-2015 ވަނަ އަހަރު އިންޑިއާއިން އެކްސްޕޯޓުކުރީ 72 މިލިއަން ޑޮލަރުގެ ހަތިޔާރެވެ. ނަމަވެސް 2025-2026 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ވަނީ 4 ބިލިއަން ޑޮލަރަށް އަރާފައެވެ. 2022 ވަނަ އަހަރު ފިލިޕީންސުން ވަނީ އިންޑިއާއިން އުފައްދާފައިވާ ބްރަހްމޯސް މިސައިލް ގަނެފައެވެ. އޭގެ ފަހުން ވިއެޓްނާމް އަދި އިންޑޮނޭޝިއާއިންވެސް ވަނީ މި މިސައިލް ގަތުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އަދި ޔޫއޭއީއަށް މިސައިލް ވިއްކުމަށް އިންޑިއާއިން ހުށަހަޅާފައިވާ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން އަންނަނީ ބޭރުގެ ކުންފުނިތަކާ ގުޅިގެންވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން އިސްރާއީލުގެ އެންމެ ބޮޑު ހަތިޔާރު ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސްއާ ގުޅިގެން އަދާނީ ޑިފެންސްއިން އަންނަނީ ހާމީސް 900 މަރުކާގެ ހަތިޔާރު އެޅި ޑްރޯން އުފައްދަމުންނެވެ. 2024 ވަނަ އަހަރު އަލްޖަޒީރާއިން ކުރި ތަހުގީގަކުން ހާމަވި ގޮތުގައި، ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އިންޑިއާ ސަރުކާރުން ގޮވާލަމުން ދިޔަ ނަމަވެސް، އިންޑިއާއިން ދިޔައީ އިސްރާއީލަށް ރޮކެޓުގެ ބައިތަކާއި ވަޒަން އެކްސްޕޯޓުކުރަމުންނެވެ. އަދި ޖޫން 2026 ގައި އެމްނެސްޓީ އިންޓަނޭޝަނަލްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، އިންޑިއާއިން އިސްރާއީލަށް ހަތިޔާރު ވިއްކުމަކީ ގައްޒާގެ ގަތުލުއާންމުގައި އިންޑިއާ ބައިވެރިވުން ކަމަށެވެ.
އިންޑިއާގެ އަތުގައި މިހާރުވެސް ތަފާތު އެކި ރޭންޖުތަކުގެ މިސައިލްތައް އެބަހުއްޓެވެ. މީގެ ތެރޭގައި 5،500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ "އަގްނީ-5" އާއި، 150 ކިލޯމީޓަރަށް ދަތުރުކުރާ "ޕްރިތްވީ-1" އަދި 4،000 ކިލޯމީޓަރަށް ދަތުރުކުރާ "އަގްނީ-4" ހިމެނެއެވެ. މީގެ އިތުރުން ރަޝިޔާއާ ގުޅިގެން އުފައްދާފައިވާ 500 ކިލޯމީޓަރުގެ ރޭންޖެއް ހުންނަ "ބްރަހްމޯސް" ކްރޫޒް މިސައިލްވެސް އިންޑިއާގެ އަސްކަރިއްޔާގައި ބޭނުންކުރެއެވެ. އަމިއްލަ ގައުމުގައި ހަތިޔާރު އުފެއްދުން އިތުރުކުރި ނަމަވެސް، އިންޑިއާއަކީ އަދިވެސް ބޭރުން ގިނަ އަދަދަކަށް ހަތިޔާރު އެތެރެކުރާ ގައުމެކެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، 2021 އިން 2025 އަށް ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަތިޔާރު އެތެރެކުރީ އިންޑިއާއިންނެވެ. އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ ރަޝިޔާއިންނެވެ. އެއީ އެތެރެކުރާ ހަތިޔާރުގެ 40 ޕަސެންޓެވެ.
ޕްރައިވެޓް ކުންފުނިތަކަށް ސިއްރު މައުލޫމާތު ދިނުމުގައި ހުރި ނުރައްކާތަކަށް އިޝާރާތްކޮށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވަނީ، މާޗު މަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމުން، އީރާނުގެ ހެކަރުންތަކެއް އެމެރިކާގެ ލޮކްހީޑް މާޓިން ކުންފުނީގެ ސާވާތަކަށް ވަދެ އެފް-35 ފައިޓާ ޖެޓުގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް ދައުވާކޮށްފައިވާ ކަމަށެވެ. ދައުލަތުގެ ލެބޯޓަރީތަކާ އަޅައިބަލާއިރު ޕްރައިވެޓް ކުންފުނިތަކުގެ ސަލާމަތީ ފިޔަވަޅުތައް ދަށްވުމަކީ މިފަދަ މައުލޫމާތު ލީކުވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރަމަނާތަން ވިދާޅުވި ގޮތުގައި، އިންޑިއާގައި މި ކޮންޓްރެކްޓްތައް ލިބޭނެ ކަމަށް ބެލެވެނީ ދިފާއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް، ސިއްރު ހިފެހެއްޓުމުގެ ތަޖުރިބާ ހުރި ކުންފުނިތަކަށެވެ. އަދި އިންޑިއާއިން މިސައިލް ޓެކްނޮލޮޖީ ކޮންޓްރޯލް ރެޖީމްގެ އުސޫލުތަކަށް އަމަލުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
