އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވީޑިއޯއެއް ފޭސްބުކުން ނެގި މައްސަލައިގައި މާފަށް އެދުމަށް، މެޓާގެ ސީއީއޯ މާކް ޒަކަބާގަށް އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ތިން ދުވަހުގެ މުހުލަތެއް ދީފިއެވެ.
މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ދާއިމީ ކޮމިޓީން އެންގި މި އެންގުމުގައި، ވީޑިއޯ ނެގުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ އަންގާފައެވެ. ބީޖޭޕީގެ މެންބަރު ނިޝިކާންތު ދުބޭ އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި ކޮމިޓީން ސިފަކުރި ގޮތުގައި، މޯދީގެ ވީޑިއޯ ފުހެލުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެކެވެ. އަދި އެއީ 1.4 ބިލިއަން އިންޑިއާ ރައްޔިތުންގެ މަންދޫބަށް އަމާޒުކޮށް ކުރި ކަމެއް ކަމަށް އެ ކޮމިޓީން ބުނެފައިވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ތިން ދުވަހުގެ ތެރޭގައި މިކަމަށް އިޖާބަނުދީފިނަމަ، ފޭސްބުކަށް ލިބިދީފައިވާ ރައްކާތެރިކަމުގެ ހިމާޔަތް (ސޭފް ހާބާ ޕްރޮޓެކްޝަން) އުވާލުމާމެދު އިންޑިއާ ސަރުކާރުން ވިސްނާނެ ކަމުގެ އިންޒާރު ކޮމިޓީން ވަނީ ދީފައެވެ. މި ހިމާޔަތް އުވާލައިފިނަމަ، ސޯޝަލް މީޑިއާ ޕްލެޓްފޯމުގެ އިސްވެރިންގެ މައްޗަށް ސީދާ ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މި މައްސަލަ ފެށިގެން އައީ ޖުލައި 23 ވަނަ ދުވަހު އިންސްޓަގްރާމްގައި އާންމުކޮށް، އަދި ފަހުން ފޭސްބުކްގައި ހިއްސާކުރި މޯދީގެ ވީޑިއޯއެއް ކުޑަ ވަގުތުކޮޅަކަށް ފޭސްބުކުން ނެގުމާ ގުޅިގެންނެވެ. އަމިއްލައަށް ވީޑިއޯކޮށްފައިވާ މި މެސެޖުގައި މޯދީ ވަނީ، ދަރިވަރުންތަކެއް ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން، އިމްތިހާނު ކަރުދާސްތައް ލީކުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. މެޓާއިން ފޭސްބުކްގައިވާ މި ޕޯސްޓު ކުޑަ ވަގުތުކޮޅަކަށް ހިފެހެއްޓުމަށްފަހު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން އަލުން ވަނީ އާންމުކޮށްފައެވެ.
މި ހަފުތާގެ ކުރީކޮޅު، ކޮމިޓީން ވަނީ މެޓާގެ އޮފިޝަލުން ހާޒިރުކޮށް މި މައްސަލައިގައި ސުވާލުކޮށްފައެވެ. މެޓާއިން މާފަށް އެދި، އެއީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވީ ކަމެއް ކަމަށް ބުނި ނަމަވެސް، އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ވަނީ އެ އުޒުރު ގަބޫލުނުކޮށްފައެވެ. މިނިސްޓްރީން ބުނި ގޮތުގައި އެއީ ބަލައިގަނެވޭނެ ސަބަބެއް ނޫނެވެ. އަދި އެއީ ހަގީގަތުގައިވެސް ޓެކްނިކަލް މައްސަލައެއް ނަމަ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މެޓާގެ ނިޒާމުތައް ހަރުދަނާކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަށް ހިތްވަރުދޭ މަންޒަރުތަކާއި އަންހެނުންނަށް އަމާޒުކޮށް އާންމުކުރާ ނޭދެވޭ ކޮންޓެންޓް ތިން ދުވަހުގެ ތެރޭގައި ނެގުމަށް ގޫގުލް، ޔޫޓިއުބް، އެކްސް، ފޭސްބުކް، ވަޓްސްއެޕް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ކޮމިޓީން ވަނީ އަންގާފައެވެ. މިކަމަށް އަމަލުނުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މި ދަނޑިވަޅުގައި، ތެލަންގާނާ ފުލުހުން ވަނީ ގޫގުލް އާއި މެޓާއާ ދެކޮޅަށް އެހެން މައްސަލަތަކެއްގައި ޖިނާއީ ތަހުގީގު ފަށާފައެވެ. އެގޮތުން ގޫގުލްއާ ދެކޮޅަށް މަކަރާއި ހީލަތް ހިމެނޭ މާލީ އެޕްލިކޭޝަންތަކެއް ހޯސްޓުކުރި ކަމުގެ ތުހުމަތު ކުރެވޭއިރު، މެޓާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ބޮޑުވަޒީރު މޯދީގެ ފޭކް ވީޑިއޯއެއް ދައުރުކުރި ކަމަށް ބުނެއެވެ.
