އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ ރައީސާއި ނައިބު ރައީސަށް މެންބަރުން އައްޔަންކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ. އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ހުސްވީ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތު މަގާމުން ވަކިކުރުމަށް ހަމަ އެ މަހުގެ 25 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން މުހައްމަދު އާސިފް ވެސް ނަޝާތާ އެކު ވަކިކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރިއެވެ.
ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން، މެންބަރުކަމުގެ މުއްދަތު ހަމަވުމުން ނުވަތަ އިސްތިއުފާ ދިނުމުން، ނުވަތަ ރައްޔިތުންގެ މަޖިލީހުން އެ މެންބަރަކު ވަކިކުރަން ފެންނަ ކަމަށް ފާސްކުރުމުން މެންބަރެއްގެ މަގާމު ހުސްވީއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބުގެ މަގާމު ހުސްވެއްޖެ ނަމަ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ނަންތައް 60 ދުވަހުގެ ތެރޭ މަޖިލީހަށް ހުށަހަޅައި، އެ މުއްދަތުގެ ތެރޭ ދެ މަގާމަށް މެންބަރުން އައްޔަންކުރަން ވާނެއެވެ. ކުރިން އޮންނަ ގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ހޮވަނީ މެންބަރުންގެ މެދުގައި ބާއްވާ ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މިދިޔަ ދެ މަހުގެ ތެރޭ އިލެކްޝަންސް ކޮމިޝަނަށް ތިން މެންބަރަކު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފައިވެއެވެ. އެއީ އެ ކޮމިޝަންގެ ކުރީގެ ޑިރެކްޓަރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލްހަސީބު އިސްމާއީލާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޒާހިދާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހު ރަޝީދެވެ.
މި ތިން ބޭފުޅުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އަދި އައްޔަންކުރީ ހަސީބު އެކަންޏެވެ. ދައުރުން ބޭރުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރި ޒާހިދާއި ސަލާހު އަދި މެންބަރު ކަމަށް ރަސްމީކޮށް އައްޔަނެއް ނުކުރެއެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ލިބޭ ގޮތް އަދި ނުވެއެވެ.