އެމެރިކާގެ އާ ރައީސަކަށް ހޮވިވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕް ހުވާ ކުރެއްވުމަށް 3 ދުވަހަށް ވެފައި ވަނިކޮށް ރަޝިއާ އާއި އީރާނުން އާ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ރަޝިއާ އާ ގާތްކަން ބާއްވަން ބޭނުންވާކަމަށް ޓްރަންޕް ވިދާޅުވެފައި ވަނިކޮށް، ޓްރަމްޕްގެ ނިމިދިޔަ ވެރިކަމުގައި ވެސް ހަތުރެއް ކަމަށްބަލައިގެން އޮންނަ އީރާނާއި ރަޝިއާގެ އެއްބަސް ވުމަކީ ޓްރަމްޕަށް އާ އިމްތިހާނެކެވެ.

ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އީރާނާއި ރަޝިއާ އިން ސޮއި ކުރި އެއްބަސްވުމަކީ، ވަރަށް ފުޅާދާއިރާއެއްގައި އެއްގައުމު އަނެއްގައުމަށް އެހީތެރިވެދިނުމަށާއި ވިޔަފާރީގެ ގުޅުންތައް ފުޅާ ކުރާ އެއްބަސް ވުމެކެވެ.

އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ފަދަ ކަންކަން ހިމެނޭ މި އެއްބަސްވުމުގެ ސަބަބުން، ރަޝިއާއިން ޔޫކްރައިން އާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މިސްރާބުވެސް ބަދަލުވެދާނެ ކަމަށް މުރާސިލުން ބުނެއެވެ.

ނަމަވެސް ރަޝިއާ އިން ދެކުނު ކޮރެއާ އާ އެކު ހެދި މިފަދަ އެއްބަސް ވުމެއް ފަދައިން، ދެގައުމުން ކުރެ ގައުމަކަށް އެހެން ބަޔަކު ހަމަލާއެއް ދޭ ވަގުތުގައި، އެއްގައުމުން އަނެއް ގައުމަށް އަސްކަރީ ސިފައިން ފޮނުވައިގެން އެހީތެރިވުމެއް އީރާނާއި ރަޝިއާގެ އެއްބަސްވުމުގައި ނުވެއެވެ. އަދި ހަނގުރާމައިގެ ހާލަތެއްގައި ދެގައުމުން ކުރެ ގައުމަކަށް ހަމަލާ ދޭ ބަޔަކަށް އެއްފަރާތުން އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުމެއްވެސް ނުހިމެނެއެވެ.

ރަޝިއާ އިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން، އެގައުމުން ބޭނުން ކުރާ ޝާހިދް މަރުކާގެ ކަމަކާޒީ ޑްރޯން އަކީ އީރާނުން ފޯރުކޮށްދީފައި ވާ ހަތިޔާރެވެ. ޔޫކްރައިން ހަނގުރާމަ އާއެކު އެ މަރުކާގެ ޑްރޯން އުފެއްދުން އީރާނުން އިތުރު ކޮށްފައި ވާ އިރު، އެ މަރުކާގް ޑްރޯން ޔޫކްރައިންއާ ދެކޮޅަށް ބޭނުން ކުރާ ކަމަކަށް ވެސް އަދި ނުކުރާ ކަމަށް ވެސް ދެގައުމުން ކުރެ ގައުމަކުން ބުނެފައެއް ނުވެއެވެ.

އަސްކަރީ މައުލޫމާތުތައް ގެނެސްދޭ ބައެއް މަސްދަރުތަކުން ބުނާގޮތުން، ކުރިން އަންދާޒާ ކުރި ވަރަށް ވުރެ މާ ގިނައިން، 2024 ވަނަ އަހަރު ރަޝިއާއިން ވަނީ ޑްރޯން ބޭނުން ކޮށްފައެވެ. އެއީ ގާތްގަނޑަކަށް 11،000 ޑްރޯންއެވެ.

އީރާނާއި ރަޝިއާ އިން މުހިންމު އެއްބަސްވުމެއް ގާއިމު ކުރި މިވަގުތަކީ، ވެރިކަމަށް ވަޑައިގަންނަވާތާ 24 ގަޑިއިރުގެ ތެރޭގައި ޔޫކްރައިން ހަނގުރާމަ ހުއްޓުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވާ ވަގުތެއް ކަމަށް ވާއިރު، މިހާރު ފެންނަގޮތުން އެކަން ހާސިލު ނުވާނެ ކަމަށް މުރާސިލުން ގެންދަނީ ބުނަމުންނެވެ.