އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ހަޔާތުގެ އަސާސަކީ އިލްމުކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގައި ކުރިއަށް ދިޔަ އިސްލާމީ މުޖުތަމައުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސްގައި ތަގުރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންނަށް އިލްމު އުނގަންނައި ދިން ދީން ކަމުގައެވެ.
އިސްލާމް ދީނުގައި އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމީ ތާރީހުން މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އާއިޝަތުގެފާނަކީ ޢިލްމުވެރި ނަމޫނާއެއްކަމަށެވެ. އަދި ރަސޫލާގެ ހަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ހާއްސަ ކުރެއްވިކަން ސާބިތުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ތަގުރީރުގައި މިނިސްޓަރު ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ގައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް މިނިސްޓަރު ފާހަގަކުރެެއްވިއެވެ.