ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ދޫކުރި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އިއުލާން ކުރައްވާނެ އާ ތާރީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

'ގެދޮރުވެރިޔާ' ސްކީމުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގެޒެޓްކޮށްފައި ވީ ނަމަވެސް ދާއިމީ ލިސްޓަށް ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ އެކު އޭސީސީއިން ވަނީ މައްސަލަ ބަލާފައެވެ.

އޭސީސީއިން އެ މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝަތުރު ހަމަވެ އެއްވެސް މައްސަލައެއް ނެތީ އެ ލިސްޓުން 20.7 ޕަސެންޓް ފޯމުގައި ކަމަށެވެ. އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން ޝަތުރު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން މި ސަރުކާރުން އޮތީ އާ ލިސްޓް އިއުލާންކުރުން ފަސްކޮށްފަ އެވެ.

މީގެ ކުރިންވެސް ވަނީ ލިސްޓު އާންމު ކުރާނެ ކަމަށް ބުނެ ހައުސިންގް މިނިސްޓްރީން ވަނީ ތާރީހުތަކެއް ދީފައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރުގައި ވެސް ލިސްޓު ނެރޭނެ ކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް ލިސްޓު އާންމު ކޮށްފައި ނުވާއިރު އެންމެ ފަހުން ލިސްޓު އިއުލާން ކުރާނެ ކަމަށް ބުނެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. ނަމަވެސް ފަހުން ވަނީ 'ގެދޮރުވެރިޔާ' ސްކީމުން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

އެއަށްފަހު ގއ. އާއި ގދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ އަހަރެއްހާ ދުވަހުގެ ތެރޭވެސް މަސައްކަތްޕުޅު ކުރައްވާފައި ވަނީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފްލެޓާއި ގޯތި ދޫކުރުމަށް ކަމަށެވެ.

"އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް އެ 4،000 ފްލެޓްގެ ކަންތައް ނިންމައި ހަވާލު ކުރެވޭނެ ކަމަށް. ރޯދައިގެ ކުރިއަށް އިރާދަކުރެއްވިއްޔާ އިއުލާން ކުރުމަށް" ރައީސް ވިދާޅުވިއެވެ.

ގިނަ ބައެއްގެ އުންމީދާ ގުޅިފައިވާ ފްލެޓް ލިސްޓު އާންމު ކުރުން ލަސްވެ އެކި ފަހަރު މަތިން މާލެ އާއި ހުޅުމާލޭގަައި ވެސް އާންމުން ވަނީ އިހުތިޖާޖު ކޮށްފައެވެ. ފްލެޓް ލިސްޓު އިއުލާން ކުރުން ލަސްވުމާ ގުޅިގެން ރައީސް މީގެ ކުރިން ވިދާޅުވެފައި ވަނީ އެކަން ލަސްވަނީ އުސޫލާ ހިލާފަށް ގިނަ ބަޔަކަށް ފްލެޓް ދިނުމަށް މަސައްކަތް ކޮށްފައިވާތީ އެކަންކަން ބަލައި އިންސާފްވެރިކަމާއި ތެދުވެރިކަމާ އެކު ފްލެޓް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.