ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީ ކުރި އަމާން ޓަވަރުތައް ކައިރިއަށް ގަވައިދާ ހިލާފަށް ކުނި އެޅި ބައެއް ފަރާތްތައް ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެފްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކުގެ އާންމު ސަރަހައްދުތަކާއި އިމާރާތްތަކުގެ ގްރައުންޑް ފްލޯ ހިމެނޭހެން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ކުނި އުކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އަދި އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
އެހެންކަމުން އުސޫލާ ހިލާފަށް ކުނި އުކާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ޖޫރިމަނާ ކުރަމުން ދާނެކަން ފާހަގަކޮށް އެފްޑީސީން ބުނީ، ޓަވަރުތަކުގެ ތިރި އާއި ބޭރަށް ކުނި އަޅައި އުސޫލާ ހިލާފުވި ބައެއް މީހުން މިހާރު ވެސް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާކަމެއް. ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ހާއްސަކޮށްފައިވާ ކުނިވަށިތަކަށް. ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އައި ނޫން ވެސް ތަކެތި އުސޫކުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއް" އެފްޑީސީގެ ބަޔާނުގައި ވެއެވެ.
ހުޅުމާލޭގެ ފަހި ފްލެޓްތައް ލިބުނު މީހުން ޓަވަރުތަކުގެ ތިރި އާއި ބޭރަށް އަޅާފައި ހުރި ކުނިބުނި ނެގުމުގެ މަސައްކަތް އެފްޑީސީ އާއި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރަމުންދާއިރު އެފްޑީސީން މީގެ ކުރިން ވަނީ އަމާން ޓަވަރުތަކުގެ ތެރެއިން 13 ޓަވަރަކުން މިހާތަނަށް ޖުމްލަ 460 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ބުނެފައެވެ.
އެފްޑީސީގެ އަމާން ޓަވަރުތަކަކީ، ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4000 ޓަވަރުތަކެވެ. ޖުމްލަ 32 ޓަވަރު ހިމެނޭ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ކޭޕީއައިއެލް އާއި އެންބީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ.
ކޭޕީއައިއެލްއިން ތަރައްގީކުރި 16 ޓަވަރަށް "އަމާން އުދަރެސް" އަދި އެންބީސީސީން ތަރައްގީކުރި 16 ޓަވަރަށް ދީފައިވާ ނަމަކީ "އަމާން ދޯދި"އެވެ.
އެ އެޕާޓްމަންޓުތަކަށް މީހުން ބަދަލުވުމަށް އެ ތަންތަނަށް ގެންދާ ސާމާނާއި އެ ތަންތަނުގެ އިންޓީިރިއާ މަސައްކަތުގައި އުފެދޭ ކުނިން ޓަވަރުތަކުގެ ތިރި އޮތީ ވަރަށް ބޮޑަށް ގޮނޑުވެފަ އެވެ. އެގޮތުން ފަރުނީޗަރާއި ތެލި ތައްޓާއި އޭސީ އާއި ޓީވީ ފަދަ އެކި ސާމާނުގެ ފޮށިތައް ފްލެޓްތަކުގެ ކޮރިޑޯ އާއި ދޮރުމައްޗާއި އެކި ތަންތަން ޖަމާކޮށްފައި ހުއްޓެވެ. ބައެއް ޓަވަރުތަކުގެ ލިފްޓް ކައިރީ ވެސް ބޮޑެތި ކުނި ފުނިތައް ޖަހާފައިވާ މަންޒަރު ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ވެސް ދަނީ ދައުރުވަމުންނެވެ.
