ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލިއިރު ފުރަތަމަ ސުންގަނޑިއަކަށް ދީފައި ވަނީ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަަލަށެވެ. އަދި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލީ މާޗް 4 ގެ ނިޔަލަށެވެ.
އެ މުއްދަތު އިތުރުކޮށް ފަހުން ހައުސިން މިނިސްޓްރީން ވަނީ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 އަށް އިތުރުކޮށްފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެ މިނިސްޓްރީން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ހާއްސަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައެވެ.
އެގޮތުން، މިއަދު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު އަދި މި އުސޫލުގެ ދަށުން ވަކިން ފޯމު ހުށަހެޅޭ ހާއްސަ ކެޓަގަރީތަކުން ފޯމް ހުށަހެޅޭނެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެފައެވެ. މިހާރު އެ މުއްދަތު އަންނަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. އެ ކެޓެގެރީތަކަކީ:
- ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫޢުން ފުލެޓު ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓު ހަވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ
- މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލާއި "ބިންވެރިޔާ" ހާއްސަ ސްކީމާ ގުޅޭ އުސޫލުގައި ހިމެނޭ ކެޓަގަރީ (އޭގެ ތެރޭގައި، "ބިންވެރިޔާ" ހާއްސަ ސްކީމް ކެޓަގަރީ އެކެއްގެ ދަށުން ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނޭ)
- ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ
- ގޯތިގެދޮރު ޕުރޮގުރާމުގެ ދަށުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން
- ބިންވެރިޔާ ހާއްސަ ސްކީމްގެ ކެޓަގަރީ 1 އަދި 2
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން 7،900 ފްލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ޖުމްލަ 7،900 ފްލެޓު ދިނުމަށް ނިންމާފައި ވާއިރު އޭގެތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައި ވަނީ މާލޭގެ ރަށްވެހިންނަށެވެ.
އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ޕްލެޓު ދިނުމަށް ނިންމާފައި ވާއިރު ބާކީ 2،400 ފްލެޓު ދިނުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީތަކަށެވެ.
