މި މަހުގެ 6 ވަނަ ދުވަހުގެ ރޭ މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިޑޭސީންތަކެއް މާރާމާރީ ހިންގި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވީ މީހާ އަތުލައިގެންފިއެވެ.

އިމިގްރޭޝަން އިން ބުނީ، އެމީޙާ އަތުލައިގެންފައި ވަނީ ފުލުހުންގެ އަހީތެރިކަމާ އެކުގައި ކަމަށާއި މިހާރު އެމީހާ ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެމީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެމީހާގެ ވަނަވަރު އިމިގްރޭޝަންއިން ހާމަކޮށްފައިވާ އިރު، އެއީ އުމުރުން 25 އަހަރުގެ އަމްރިތް ސިން ކިޔާ އިންޑިއާ މީހެކެވެ.

މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބިދޭސީން ތަކެއްގެ މެދުގައި ޒުވާބު ކޮށް މާރާމާރީ ހިންގާފައިވާ އިރު، އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް މަންޒަރު ދުށް މީހުން ބަނީ ބުނެފައެވެ. އެ ހަމަނުޖެހުން ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި ކުޑަކުއްޖެއްގައި ގައިގާ ޖެހިފައިވާ ކަމަށާއި އެކަމުގައި އެ ކުއްޖާގެ ބެލެނިވެރިޔާ ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެ ސަރަހައްދަށް ފުލުހުން ދިޔަ އިރު ހަމަނުޖެހުން ހިންގި މީހުން ވަނީ އެ ސަރަހައްދުން ގޮސްފައެވެ.

މި ކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ވިދާޅުވެފައި ވަނީ، އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާންމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން ބަލަމުންދާ ކަމަށެވެ. އަދި މިކަމުގަ ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ޝައްމާން ވަނީ ދެއްވާފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ބަންދު ދުވަހެއްގެ ގޮތުގައި ކޮންމެ ހުކުރު ދުވަހެއް ހަމަޖއްސާފައި އޮންނަ އިރު، ހުކުރު ދުވަސް ދުވަހު ހިތްފަސޭހަ މައިޒާންތައް ފަދަ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަން ފާހަގަ ކުރެވެއެވެ. މި މާރާމާރީއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ އިން ފެންނަ މަންޒަރަށް ބަލާއިރު އެ ވަގުތު އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން އެއްވެފައި ވެއެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ތިބިކަން ފާހަގަކޮށް ލެވެއެވެ.