މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގުޅިގެން ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ޑައިވިން އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ) ގައި ޕްރޮމޯޓް ކޮށްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ހޮންކޮންގްގައި މި މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމޕީއާރްސީ އާއި އެންބީއޭއެމް އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 6 ކުންފުންޏަކުން މި ހަރަކާތުގައި ވަނީ ބައިވެރިވެފައެވެ. މި ކުންފުނިތަކަކީ ކާޕެ ޑިއެމް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މާސެލިއާ މޯލްޑިވްސް، ވޮޔޭޖްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ޑައިވްސްކޭޕް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ހައިރައިސް (ފްލޯޓިން އޭޝިއާ އެންޑް މޯލްޑިވްސް މެރިން އެކްސްޕޯ)، އަދި ނޫރާނީ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑެވެ.

ޑީއާރުޓީ ޝޯ އަކީ ޑައިވިން އާއި މެރިން ފަތުރުވެރިކަމުގެ ޕްރޮފެޝަނަލުން ގުޅުވައިދޭ ޕްރިމިއާ އިންޓަނޭޝަނަލް އިވެންޓެކެވެ. މި އިވެންޓަކީ ދުނިޔޭގެ ފެންވަރުގެ ޑައިވިން އަދި މެރިން ޓޫރިޒަމް ހަބެއްގެ ގޮތުގައި ދިވެހިރާއްޖެ ފަދަ މަޝްހޫރު މަންޒިލްތައް ޕްރޮމޯޓް ކުރުމަށާއި އެންމެ ފަހުގެ އުފެއްދުންތައް ދައްކާލުމަށް މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގައި ރާއްޖޭގެ ޑައިވިން ސިނާއަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ބީ2ބީ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނަށް ފޯރުކޮށްދިނުމުގެ އެތައް ފުރުސަތެކެއް ވެސް ލިބިގެން ދިޔައެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ކުންފުނިގެ އަމާޒަކީ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ލިވަބޯޑްތަކާއި ހޮޓާތަކާއި އެކު ޑައިވިންގެ ހާއްސަ ހިދުމަތްތަކުގެ އިތުރުން ރާއްޖޭގެ ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް ޑީއާރުޓީ ޝޯގައި ދައްކާލުން ކަމަށެވެ. އަދި މި އިންޑަސްޓްރީ ޕާޓްނަރުންނާއެކު ވިޒިޓް މޯލްޑިވްސްގެ އެންމެ ފަހުގެ ޕްލޭންތައް ހާމަކޮށް، ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހި ކުރުން ކަމަށް ވެސް އެމްއެމްޕީއާރްސީ އިން ބުނެއެވެ. މީގެ އިތުރުން މި ހަރަކާތުގައި ވަކިވަކި ޕްރޮޕަޓީތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޮންކޮންގުގެ ދަތުރުފަތުރުގެ ވިޔަފާރިތަކާއި ހިއްސާކުރުމަށް މުހިންމު ޕްލެޓްފޯމެއް ލިބިގެންދިޔަ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހޮންކޮންގަކީ ވަރަށް މުހިންމު މާކެޓެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް މަންޒިލްގެ ގޮތުގައި ދެމަހައްޓުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށް ވެސް ބުނެއެވެ.

އެގޮތުން، މިއަހަރުގެ ކުރީކޮޅު 2020ގެ ފަހުން ހޮންކޮންގުން ސީދާ ރާއްޖެ އައި ފުރަތަމަ ފްލައިޓަށް ވިޒިޓް މޯލްޑިވްސް އިން ވަރަށް ހޫނު މަރުހަބާ އެއް ކިޔައިފައި ވެއެވެ. މީގެ އިތުރުން ޗައިނާގެ މާކެޓުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ޗައިނާ ވެބިނާ ސީރީޒް؛ ފުޖިއަން އިވެންޓްތައް؛ ޒިއާމަން ފްލައިޓާއި ޗައިނާ އީސްޓަން ފްލައިޓަށް މަރުހަބާ ކިޔުން؛ ރެޑް އާއި އެކު ކެމްޕޭން؛ ޕާޓާގެ އަހަރީ ސަމިޓް ޕެނަލް ޑިސްކަޝަން؛ އައިޓީބީ ޗައިނާ؛ ފްލިގީ އާއެކު އެމްއޯޔޫ ސޮއިކުރުން؛ ޕަޑީއާ ގުޅިގެން ކޭއޯއެލް ފެމިލިއަރައިޒޭޝަން ދަތުރު؛ ގޯލްޑަން ވީކް ކެމްޕޭން؛ އަދި ޗައިނާގެ މާކެޓަށް އަމާޒުކޮށްގެން ޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް ކުރިއަށް ދިޔުން ފާހަގަކޮށްލެވެއެވެ.

މި ހަރަކާތްތަކާ އެކު އެމްއެމްޕީއާރުސީ އިން ދަނީ ވީބޯ އަދި ވީޗެޓް ފަދަ ޗައިނާއަށް ހާއްސަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޑިޖިޓަލް ޕްރެޒެންސް ދަމަހައްޓުމަށްޓަކައި ޕްރޮމޯޝަންސްތައް ކުރިއަށް ގެންދަމުންނެވެ. ވިޒިޓް މޯލްޑިވްސްގެ މާކެޓިން ހަރަކާތްތަގެ ސަބަބުން މި ސަރަހައްދުގައި ދިވެހިރާއްޖެއަކީ މަގްބޫލް މަންޒިލުގެ ގޮތުގައި ދެމިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.