ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އެ ގައުމުގެ ރަސްގެފާނު ޗާލްސް 3 އަށް އަރުވައިފިއެވެ.

އިނގިރޭސިވިލާތުގެ ސަފީރުކަމަށް އިރުތިޝާމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. އަދި މެއި މަހުގެ ފުރަތަމަ ހަފްތާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިރުތިޝާމަށް ފަތްކޮޅު އަރުއްވައިފައެވެ. އޭނާ ރަސްގެފާނު ޗާލްސް އަށް ސަފީރުކަމުގެ ފަތްކޮޅު އެރުވީ އިއްޔެ ބަކިންހަމް ޕެލަސްގައި އޮތް ރަސްމިއްޔާތެއްގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިރުތިޝާމް ސަފީރުކަމަށް ހަމަޖެއްސުމުން ރަސްގެފާނު ޗާލްސް މަރުހަބާ ވިދާޅުވި ކަމަށާއި، ރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގުޅުން ވަރުގަދަކުރަން ބޭނުންފުޅުވާ ކަމަށް ޗާލްސް ވިދާޅުވި ކަމަށެވެ.

ރަސްމިއްޔާތުގައި އިރުތިޝާމް ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޗާލްސް އަށް ދެއްވައިފައެވެ.

މި ރަސްމިއްޔާތަށް ފަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ސެއިންޓް ޖޭމްސް ކޯޓް ހޮޓެލްގައި ވަނީ ހަފްލާއެއް ބާއްވައިފައެވެ. އެ ހަފްލާގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ކޮމަންވެލްތާއި ސާކްގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ކޯ ގެ ޑީން ހޮންޑިއުރަސްގެ ސަފީރު އިވާން ރޮމޭރޯ-މާޓިނޭޒްގެ އިތުރުން، އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މީޑިއާގެ ފަރާތްތަކާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.